ހއ. ދައްޕަރު ފިއްލަދޫ އިހްތިސޯސުގައި އަލުން ހިމަނަން ނިންމައިފި އެވެ.
ހއ. ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ހއ. ދައްޕަރު، އެ އިދާރާގެ އިހުތިސޯސުން ވަކިކޮށްފައިވަނީ އޮގަސްޓް 29 ވަަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާންމު ކުރެއްވެވި ގަރާރަކުންނެވެ.
އެ ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ދަށުން 2020 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަަނަ ދުވަހު އެކަށައެޅި ގަރާރަށް ބަދަލު ގެންނަން ޖެހިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑަައިގަންނަވާ ކަމަށެވެ.
އެހެން ކަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ދައްޕަރު، އެ އިދާރާގެ އިހުތިސާސް އިން ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ނިންމުމާ ދެކޮޅަށް ފިއްލަދޫ ރައްޔިތުން ވަނީ ތެދުވެފައެވެ. އަދި ޕެޓިޝަނެއް ތައްޔާރުކޮށް ރައީސް ސޯލިހާއި މަޖިލީހަށްވެސް ވަނީ ހުށައަޅާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ދެންމެ ވިދާޅުވީ ދައްޕަރުގެ މައްސަލައާ ގުޅޭގޮތުން ކައުންސިލް އާއި މަަޝްވަރާތައް ކުރިއަށް ގެންދެވި ފިއްްލަދޫ ރައްޔިތުން ދެކޭ ގޮތާއި ގުޅޭގޮތުން އިކޮނޮމިކް ކައުންްސިލްގައި މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
"ފިއްލަދޫ ކައުންސިލްގެ އިހުތިސާސުގައި ދައްޕަރު އަނބުރާ ހިމެނުމަށް ރައީސް ސޯލިހު ވަނީ ނިިންމަވާފައި،" މަބުރޫކް ވިދާޅުވިއެވެ.