މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

އިމްތިހާނު ނެތި 27 ގައުމެއްގެ މީހުންނަށް ލައިސަންސް ބޭނުން ކުރެވޭނެ

ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ލައިސެންސް ދިނުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ލިސްޓަށް ބަދަލު ގެނެސް އެ މިނިސްޓްރީން އަލުން އާންމުކޮށްފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހާއެކު ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ޓްރާސްޕޯޓް މިނިސްޓްރީއަށް އިހްތިޔާރު ދީފައިވެއެވެ.

އެ މިނިސްޓްރީން ވަނީ އެ އިހުތިޔާރުގެ ދަށުން އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ލިސްޓެއް އެކުލަވާލާ އާންމު ކޮށްފައެވެ. އެ ލިސްޓްގައި ފުރަތަމަ އޮތީ 25 ގައުމެއްގެ ނަން ހިމަނާފައެވެ.

އެއީ އަފްޣާނިސްތާން އާއި ބޫޓާން އާއި އިންޑިޔާ އާއި ނޭޕާލް އާއި ޕާކިސްތާން އާއި ސްރީލަންކާ އާއި ބުރުނައީ އާއި ކެމްބޯޑިއާ އާއި އިންޑޮނީޝިއާ އާއި ލާއޯސް އާއި މެލޭޝިއާ އާއި މިޔަންމާ އާއި ފިލިޕީންސް އާއި ސިންގަޕޫރާއި ތައިލެންޑް އާއި ވިއެޓްނާމް އާއި ޖަޕާން އާއި ޔުނައިޓެޑް ކިންގްޑޮމް އާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ޗައިނާ އާއި ޔުނައިޓެޑް އެރެބް އެމިރެޓްސް އާއި ސްވިޓްޒާލެންޑް އާއި ސައުދީ އަރަބިޔާ އާއި ބެލްޖިއަމް އާއި ޖަރުމަނީ އެވެ.

ނަމަވެސް އޭގެ ފަހުން ރާއްޖޭގައި އޮތް ބިދޭސީ މަސައްކަތު ފޯސްގައި އެންމެ ބޮޑު ދައުރެއް އޮތް ބަންގްލަދޭޝްގެ ނަން ހިމަނާ ދެވަނަ ފަހަރަށް ލިސްޓް އާންމުކުރި އެވެ. މިރޭ އާންމުކުރި ލިސްޓަށް 27 ވަނަ ގައުމެއްގެ ގޮތުގައި އިތުރުކޮށްފައިވަނީ ގަތަރެވެ.

ނަމަވެސް މިއަދު އާންމުކުރި އިއުލާނާއެކު ކުރީން އާންމުކުރަމުން އައި އިއުލާނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އައު އިއުލާނުގައި ބުނެފައިވަނީ ގައުމުތަކުން ދޫކޮށްފައިވާ ސައްްހަ ލައިސަންސެއް އޮތް މީހުންނަށް އެ ލައިސަންސް އޮތްހާ ހިނދަކު މި ގާނޫނުގެ ދަށުން އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި ނުވަދިހަ ދުވަހަށް ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެ ކަމަށެވެ. އެހެން ކަމުން އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުން ހުއްޓާލީ ކަމަށް ބެލެވެއެވެ. އެކަމާއި ގުޅޭގޮތުން ޓްރާސްޕޯޓުން ވަކި އެއްޗެއް ނުބުނެއެވެ.