ލައިފްސްޓައިލް

ބަނޑުގައި ރިއްސި މީހެއްގެ ބަނޑުގައި މޮހޮރު ކިލޯއެއް

ލިތުއޭނިއާ މީހަކު މާ ގަދަޔަށް ބަނޑުގައި ރިއްސާތީ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން ބެލިއިރު ކުރިއިރު އޭނާގެ ބަނޑުގައި ކިލޯއެއްގެ ބަރުދަން ހުރި މޮހޮރާއި އިސްކުރާއި ނަޓު ހުރިކަން އެނގިއްޖެ އެވެ. އަދި ވަގުތުން ސާޖަރީ ހަދައި މި ހުރިހާ އެއްޗެތި މިހާރު ވަނީ ނަގާފަ އެވެ.

ލިތުއޭނިއާގެ ބޯލްޓިކް ޕޯޓް ސިޓީގެ ކްލައިޕީޑާ ޔުނިވަސިޓި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި މިހާރު އޮތް މި މީހާ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދިއުމުން ވެސް ޑޮކްޓަރުން ކައިރީގައި މޮހޮރު ފަދަ ތަކެތި ކައިފައި ހުރި ކަމަކަށް ނުބުނެ އެވެ. އެމީހާގެ ބަނޑުގެ އެކްސްރޭ އިން މޮހޮރުތައް ފެނުމުން ޑޮކްޓަރުންނަށް ވެސް ޝޮކެއް ލިބުނީ އެހެންވެ އެވެ.

އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ތަކެތި އެމީހާ ކާން ފެށީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އޭނާގެ ބަނޑުން ޑޮކްޓަރުން ނެގި ބައެއް ދަގަނޑު ކޮޅުތަކުގައި 10 ވަރަކަށް ސެންޓިމީޓަރު ހުއްޓެވެ.

"މިހާ ގިނަ މެޓަލް އޮބްޖެކްޓްސް އިންސާނުންގެ ހަށިގަނޑުން ފެނުމަކީ އާދައިގެ ކަމެއް ނޫން. އާންމުކޮށް މީހުން އަންނަނީ ދަގަނޑު ރުފިޔާއެއް ދިރިގެން ނުވަތަ ޕިން އެއް ފަދަ އެއްޗެއް ދިރިގެން. އަދި ބައެއް ފަހަރު ޖަލުގައި ތިބޭ ބައެއް ގައިދީން ޖަލުން ސަލާމަތްވާން ވެގެން އުލާއި ސަމުސާ ފަދަ އެއްޗެތި ދިރުވާލައިގެން ގެނޭ. ނަމަވެސް މިހާ ގިނަ މޮހޮރު އަމިއްލައަށް ކާލައިގެން އައި މީހަކު މި ނޫނީ ނާދޭ،" މި މީހާގެ ސާޖަރީ ހެދުމުގައި މަސައްކަތް ކުރެއްވި ޑޮކްޓަރަކު ވިދާޅުވެފައި ވެއެވެ.

މި ދަގަނޑު ސާމާނުތަކުން އެމީހާގެ ބަނޑުގެ އެތެރެ ފަށަލަ ވަރަށް ބޮޑަށް ހުރީ ހަލާކުވެފައި ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ. އެހެންވެ އެކްސްރޭގެ އެހީގައި ބަލަމުން ހެދި މި ސާޖަރީ އަށް ތިން ގަޑިއިރު ނެގި ކަމަށާއި ނަސީބަކުން މެޓަލްގެ ހުރިހާ ބާވަތެއް ވެސް ބަނޑުން ނަގައި މުޅިން ސާފު ކުރެވުނުކަމަށް ވެސް ޑޮކްޓަރުން ބުނެފައި ވެއެވެ.

މި މީހާ މޮހޮރު ފަދަ ތަކެތި ކާން ފެށީ ކީއްވެގެން ކަމެއް އޭނާ ނުބުނެ އެވެ. ބައެއް މީހުން މިފަދަ ތަކެތި ކަނީ ސިކުނޑި ގޯސް ވެގެންނެވެ. ނަމަވެސް މިމީހާ އަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމެއް ޑޮކްޓަރުން ބުނެފައެއް ނުވެ އެވެ.