ދުނިޔެ

ޖަޕާންގެ އާބޮޑުވަޒިރަކީ އެމެރިކާގެ ބައިވެރިއެއް: ބައިޑަން

ޖަޕާންގެ އާ ބޮޑުވަޒީރު ފުމިއޯ ކިޝިދާއާ ވަރަށް އަވަހަށް ބައްދަލު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އާ ބޮޑުވަޒީރަކީ އެމެރިކާގެ ބައިވެރިއެއް ކަމަށާއި އެކުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

ޖަޕާންގައި ކުރިން ބޮޑުވަޒީރުކަން ކުރެއްވި ޔޮޝިހިދޭ ސުގާ ދައުރު ހަމަވުމުގެ ކުރިން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ވެރިކަންކުރާ ޕާޓިގެ ލީޑަރުކަމުން ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ޔޮޝިހިދޭ ސުގާއާ މެދު ވެސް ބުނެވިފައި އޮތީ އެމެރިކާ ބުނާހާ ގޮތެއް ހައްދަވާ ބޭފުޅެއް ކަމަށެވެ. ޖަޕާންގެ ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި ކަންތައްތައް ފަސް ކުރައްވައި އެމެރިކާއާ ވިލާތަށް ބައިއަޅުއްވަން ހައްދަވައިގެން ސުގާގެ މަގުބޫލުކަން ޖަޕާންގައި އޮތީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަނެއް ކޮޅުން ޖަޕާންގައި ކޮވިޑް ތައްކަތު ނުކުރެވި ދިގު ލައިގެން ދިއުން ވެސް އޮތީ ވަރަށް ބޮޑު ނުތަނަވަސް ކަމަކަށް ވެފަ އެވެ.

ޖަޕާންގައި ވެރިކަންކުރާ ޕާޓީން އިޚުތިޔާރުކުރި ފުމިއޯ ކިޝިދާ އާއެކު އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށް ބައިޑަން ވިދާޅުވުމުގެ ކުރިން، އުތުރު ކޮރެއާ އާއެކު ޖަޕާނުން މަޝްވަރާ ކުރާނެ ކަމަށް ބޮޑުވަޒީރު އޮތީ ވިދާޅުވެފަ އެވެ. އުތުރު ކޮރެއާ މަޝްވަރާ ކޮށްގެން ނަމަވަވެސް އެ ސަރަހައްދުން ނިއުކްލިއާ ބިރު ނައްތާލުމަކީ އެމެރިކާއިން ހިންގާ އެޖެންޑާ އެކެވެ.

ބައިޑަން ވިދާޅުވި ގޮތުން އިންޑޯ ޕެސިފިކް ސަރަހައްދުގައި އެމެރިކާ އާއި ޖަޕާނުން ކުރަނީ މުހިންމު މަސައްކަތްތަކެކެވެ. އެ ސަރަހައްދުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް އެމެރިކާއާ ޖަޕާނުން އަބަދު ވެސް ފާރަވެރިވާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ.