ލައިފްސްޓައިލް

ފޮތް ހިފައިގެން ގޭގެއަށް ހިނގާ ލައިބްރޭރިއަނެއް

ހިނގާފައި ގޭގެއަށް ގޮސް ފޮތް ހަވާލު ކޮށްދޭ ލައިބްރޭރިއަން އެއްގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟ އިންޑިއާގެ ކެރެލާގެ އުމުރުން ދުވަސްވީ އަންހެނަކު ވަރަށް މުރާލި ކަމާއެކު މި މަސައްކަތް ކުރާތާ މިހާރު ގިނަ ދުވަސް ތަކެއް ވެއްޖެ އެވެ. އޭނާގެ ކޮންމެ ދުވަހެއްގެ މަސައްކަތަކީ މިހާރު ގޭގެއަށް ފޮތް ޑެލިވަރީ ކޮށްދިނުމާއި ކިޔާ ނިމޭ ފޮތްތައް އަނބުރާ ގެންދިއުމެވެ.

ކޭ.ޕީ.ރާދާމަނީ، 65، ކޮންމެ ދުވަހަކު ހަތަރު ކިލޯމީޓަރަށް ވުރެ ދުރަށް ހިނގާފައި ގޭގެއަށް ފޮތް ޑެލިވަރީ ކުރަން ދެއެވެ. ބޮޑު ދަބަހަކަށް ފޮތް އަޅައިގެން އޭނާ ކޮންމެ ދުވަހަކުވެސް އެކި ގޭގެއަށް ފޮތް ފޯރުކޮށްދެ އެވެ. އަދި އެ ގޭގެއިން އަނބުރާ ހަވާލުކުރާ ފޮތްތައް ގެންދިއުމުގެ މަސައްކަތް ވެސް އޭނާ ކުރެ އެވެ. އޭނާ ޑެލިވަރީ ކުރާ ފޮތްތަކުގެ ތެރޭގައި ވާހަކަ ފޮތާއި ހިސްޓްރީ ފޮތްތައް އަދި ޕޮލިޓިކްސް ފޮތްތައް ވެސް ހިމެނެ އެވެ.

ރާދާމަނީ ކުރިން މަސައްކަތްކުރީ ޕްރަތިބާ ޕަބްލިކް ލައިބްރަރީގަ އެވެ. އެ ލައިބްރަރީގައި 11،000 ފޮތް ހުއްޓެވެ. ނަމަވެސް ދަނޑުވެރިކަން ކުރާ މީހުންނާއި ގޭތެރޭގައި ބުރަކޮށް މަސައްކަތް ކުރަން ޖެހޭ މީހުންނަށް ލައިބްރަރީއަށް ފޮތް ބަލާ އަންނާނެ ވަގުތު ނުވާ ކަމަށް ބުނާތީ އާއި ލައިބްރަރީއަށް ފޮތް ބަލާ އަންނަ މީހުން މާ ބޮޑަށް މަދުވުމުން ގޭގެއަށް އެ ބަޔަކު ބޭނުންވެގެން ބުނާ ފޮތްތައް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް އޭނާ ފެށީ އެވެ.

ރާދާމަނީގެ އަތުގައި މި ފޮތްތަކުގެ ރަޖިސްޓްރީއެއް އޮވެ އެވެ. އާއްމުގޮތެއްގައި ލައިބްރަރީ ތަކުން ފޮތް ދޫކުރާއިރު ކަންތައް ކުރާ ގޮތަށް މި ރަޖިސްޓްރީގައި ފޮތް ހަވާލުކުރާ މީހާ ލައްވާ އޭނާ ސޮއި ކުރުވަ އެވެ. އަދި ފޮތް އަނބުރާ ދިނުމުން އޭނާ ސޮއި ކުރެ އެވެ.

ރާދާމަނީ އަކީ އުމުރުން ވަރަށް ދުވަސް ވެފައި ހުރި މީހަކަށް ވާތީ އޭނާ ގެންގުޅޭ ކޮތަޅުގައި ކޮންމެ ދުވަހަކު އޭނާއަށް އުފުލެނީ 25-50 ވަރަކަށް ފޮތެވެ. އޭނާ ކޮންމެ މީހަކަށް ވެސް ދެނީ މަދުވެގެން ދެ ފޮތެވެ. އަދި ފޮތް ދޭތާ އަށް ވަނަ އަށް އޮންނަ ދުވަހު އޭނާ އެ ފޮތް ބަލާ އަނބުރާ އެ މީހެއްގެ ކައިރިއަށް ދެއެވެ. އެގޮތަށް މީހުންނަށް ފޮތް ގެންގޮސްދީގެން ވެސް ފޮތް ކިއުމުގެ އާދަ މީހުންގެ ކިބައިގައި ހަރުލެއްވުމަކީ އޭނާގެ އެންމެ ބޮޑު މަގްސަދެކެވެ.

ފޮތް ޑެލިވަރީކުރަން ބޭނުން މީހުން ފުރަތަމަ ޖެހެނީ ރާދާމަނީ ލައްވާ އެކަމަށް ރަޖިސްޓްރީ ކުރުވާށެވެ. މިކަމަށް އޭނާ ނަގަނީ އެންމެ 25 ރުޕީސް އެވެ. ދެން އިތުރަށް އެ މީހަކު ފޮތް ބޭނުންވާ މިންވަރަކުން އޭނާ ވަރަށް ކުޑަ ޗާޖެއް ނަގަ އެވެ.

ރާދާމަނީ ބުނި ގޮތުގައި ފޮތް ޑެލިވަރީ ކޮށްދީގެން އޭނާއަށް މަހަކު 3500 ރުޕީސް ވަރު ލިބެ އެވެ. ފޮތެއް ބަލާ މީހަކު ލައިބްރަރީ އަށް ނާންނާތީ ފޫހިވެފައި އިނުމަށް ވުރެ މި ގޮތް މާ ރަނގަޅުކަމަށް ވެސް އޭނާ ބުންޏެވެ.