ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންސާނީ ވަސީލަތް ބިނާ ކޮށްދެނީ މުދައްރިސުން: ރައީސް

Oct 5, 2021
1

ގައުމުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ބިނާކުރުމުގައި އެންމެ އިސް ރޯލު އަދާކުރާ ބަޔަކީ މުދައްރިސުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މުދައްރިސުންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގަ އެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ މުޖުތަމައަށް އެންމެ ބޭނުންތެރި ގޮތަކަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ވެސް މުދައްރިސުން އަދާ ކުރާ ރޯލު ވަރަށް މުހިންމު ކަމަށެވެ. މުދައްރިސުންނަކީ މުޖުތަމައުގެ ޒުވާން ޖީލު ސަލާމަތްކުރުމުގައި ވެސް ވަރަށް މުހިންމު ޒިންމާއެއް އޮތް ބައެއް ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ތައުލީމީ އުމުރުފުރާގެ އާބާދީއަށް މިވަގުތު ސަމާލުކަން ދޭންޖެހެނީ، ކޮން ދާއިރާތަކަކުންތޯ ވިސްނައިލުން މުހިންމު ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ގައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމާއި، ހަރުކަށި ފިކުރުތަކާއި ހަރުކަށި އަމަލުތަކުން ޅަދަރިން ސަލާމަތްކުރުމަކީ، ގައުމީ ފެންވަރުގައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

މުޖުތަމައުގެ ނޭދެވޭކަންކަން އިސްލާހުކުރުމަށް ދަރިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ސައްހަ އަގޫދާ އަށަގަންނުވައި، އިސްލާމީ ރިވެތި އަހުލާގާއި، އިޖްތިމާއީ އަދަބު އިހްތިރާމުގެ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތުކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ވެސް ރައީސް ވަނީ ބާރުއަޅުއްވާފަ އެވެ.

ރައީސްގެ ހިތާބުގައި މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތްތަކަށް ތައުރީފުކުރައްވައި އެބޭފުޅުންނަޝުކުރު އަދާކުރައްވާފަ އެވެ.
އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް މުދައްރިސުންކުރެއްވި މަސައްކަތް ފާހަގަކުރައްވައި މުޅި ގައުމު އެ ބޭފުޅުންނަށް ޝުކުރުވެރިވާނެކަން ޔަގީންކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.