ގާނޫނު އަސާސީ ފުނޑުފުނޑުކޮށްލި ބަޔަކަށް އަލުން އެ ހިމާޔަތް ނުކުރެވޭނެ ކަމަށް އެމްޑީޕީން ވަކިކޮށްފައިވާ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީގެ ހިމާޔަތުގައި އެމްޑީޕީން ނިކުންނާނެ ކަން އިއުލާންކޮށްފައި ވަނިކޮށް މޫސަ މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ރޯމާ ދުވާލު ގާނޫނު އަސާސީ ފުނޑުފުނޑުކޮށް ބަޣާވާތް ކުރި ބަޔަކަށް އަލުން އޭތި ހިމާޔަތް ނުކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީއަށް އަނިޔާ ދޭން ނޫޅުމަށް ވެސް މަޖިލީހުގެ ނައިބު ރައީސް ކަން ކުރައްވާ މޫސަ އެ ޓްވީޓްގައި ގޮވާލާފައިވެ އެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދިފާއުގައި ނިކުންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެފައި ވަނިކޮށް މޫސަ މިރޭ ކުރެއްވި އެހެން ޓްވީޓެއްގައި ގާސިމްގެ އަތުގައި ހުރި ވަރަށް ތަނަވަސްކަން ލިބުމުން އޭނާގެ ދިފާއުގައި ނިކުންނާނެ ރައީސަކު ވެސް ފެނިއްޖެ ކަމަށެވެ.
އެމްޑީޕީގެ ވިޕްލައިނާ ޚިލާފްވި މައްސަލައިގައި މޫސަ ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ. އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިނުވި މައްސަލައިގައި މޫސަ ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމި ނިންމުމަށް އެ ޕާޓީގެ އިސްތިއުނާފް މަޖިލީހުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.