އިލެކްޝަންސް ކޮމިޝަން

އިހްލާސްތެރި ޕާޓީ އުފައްދަން ދިން ހުއްދަ ބާތިލްކޮށްފި

Oct 5, 2021

އިޚްލާސްތެރި ޕާޓީ މޯލްޑިވްސް އުފެއްދުމަށް ދިން ހުއްދަ ބާތިލްކޮށްފި އެވެ.

އިހްލާސްތެރި ޕާޓީ އުފެއްދުމަށް މިދިޔަ އާދިއްތަ ދުވަހު ހުއްދަދިނީ މ.ކެލަން، މުހައްމަދު އިސްމާއިލް އަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިހްލާސްތެރި ޕާޓީ އުފެއްދުމަށް ދީފައިވާ ހުއްދަ ބާތިލްކުރީ މުހައްމަދު އިސްމާއީލް އެގޮތަށް ކޮމިޝަންގައި އެދިވަޑައިގަތުމާ ގުޅިގެން ކަމަށެވެ.

ހައުސިން މިނިސްޓްރީގައި 30 އަހަރު މަސައްކަތް ކުރައްވާފައިވާ މުހައްމަދު އިސްމާއީލް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ "ކަރިޝްމާ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާށެވެ. ނަމަވެސް އެފަހަރު ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައި ނުވަނީ އެ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށް ބުނެ އެވެ. އަދި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފޯމާ އެކީ ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާތީ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އިޚްލާސްތެރި ޕާޓީ މޯލްޑިވްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ މުހައްމަދު އިސްމާއީލަށް ދިނުމާ ގުޅިގެން ބައެއް މީހުން އޭނާއާ ދެކޮޅަށް ކޮމިޝަނަށް ބައެއް ކަހަލަ ޝަކުވާތައް ހުށަހަޅާފައިވެ އެވެ. ހުއްދަ ބާތިލްކުރަން މުހައްމަދު އިސްމާއީލް އެދުނީ ޝަކުވާތައް ކޮމިޝަނުން ބަލަމުން ދަނިކޮށް ކަމަށްވެސް އެނގިފައިވެ އެވެ.

މުހައްމަދު އިސްމާއީލާ ދެކޮޅަށް ބަޔަކު ޝަކުވާ ހުށަހަޅާފައިވަނީ އޭނާ މީގެކުރިން އާންމު ތަންތަނުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަތަކެއް ދައްކާފައިވާ ކަމަށް ބުނެ އެވެ.

އީސީގެ ދަފްތަރުގައި މިހާރު ވެސް ސިޔާސީ 10 ޕާޓީއެއް އެބަ އޮތެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ވެސް ދާދި ފަހުން ވަނީ ސިޔާސީ ޕާޓީ އެއް އުފައްދާފަ އެވެ. އެޕާޓީ އަދި އީސީގެ ދަފްތަރަކު ނެތެވެ. އެމްއެންޕީ އުފެއްދުމުގެ ޖަލްސާ އަންނަ ހުކުރު ދުވަހު ބޭއްވުމަށް ވެސް އެޕާޓީން ދަނީ ތައްޔާރުވަމުންނެވެ.