ސިނަ މާލެ ބްރިޖް

މާލެ-ހުޅުމާލެ ފެނުގެ ނިޒާމް ބްރިޖުން ގުޅާލާނެ ގޮތުގެ ޑިޒައިން މަސައްކަތް ފަށައިފި

Nov 30, 2015
2

މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖްގެ ޒަރިއްޔާ އިން އެ ދެ ސިޓީގެ ފެނުގެ ނިޒާމު ގާއިމުކުރާނެ ގޮތުގެ ޑިޒައިނެއް ތައްޔާރު ކުރުމުގެ މަސައްކަތް ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީީ އިން ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "އަވަސް" އިންކުރި ސުވާލެއްގެ ޖަވާބުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ބްރިޖުން މާލެ އާއި ހުޅުމާލެ ފެނުގެ ނިޒާމުން ގުޅައިލާނެ ގޮތެއް ޑިޒައިން ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް ކުރަނީ ފެން ކުންފުނީގެ ކަމާ ގުޅޭ މުވައްޒަފުން ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ ބްރިޖުގެ މަސައްކަތް ނިމެންވާއިރަށް ހުޅުމާލެއިން ހުޅުލެއަށް އަޅަން ޖެހޭ ހޮޅިތައް އަޅައި ނިންމަން. އަދި މާލެއިން ބްރިޖާ ހަމައަށް ގެންދަން ޖެހޭ ހޮޅިތައް ވެސް އަޅަން. އިރާދުކުރެއްވިއްޔާ އަންނަ އަހަރު އަމަލީ މަސައްކަތް ނިންމާލެވޭނެ،" ފަޒުލް ވިދާޅުވި އެވެ.

ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދިގު އެ ބްރިޖްގެ މެދުވެރިކޮށް މާލެ-ހުޅުމާލޭގެ ކަރަންޓާއި އިންޓަނެޓްގެ ހިދުމަތް ވެސް ފޯރުކޮށްދޭން ސަރުކާރުން ރާވާފައިވެ އެވެ. ބްރިޖްގެ ފުޅާމިނުގައި 20.3 މީޓަރު ހުންނަ އިރު ސައިކަލާއި ބައިސްކަލް ދުއްވުމަށާއި އަދި ހިނގާ ފަރާތްތަކަށް ހާއްސަ ލޭންތައް ވެސް ގާއިމްކޮށްފައި ހުންނާނެ އެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު އުސްވާނެ އެވެ. ބްރިޖް ހަދަނީ އިންޓަނޭޝަނަލް ކާގޯ ސްޓޭންޑަޑްގެ ބަރުދަނަށް ވެސް ބަލައިގެންނެވެ. މިއީ މި ސަރަހައްދުގައި ވެސް ހުންނާނެ އެންމެ ނަލަ އެއް ބްރިޖަށް ވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ބްރިޖްގެ މަސައްކަތް ފެށުމަށް ސަރުކާރުން ދަނީ ހަލުވިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މާލެ/ހުޅުލެ ގުޅާލައި ބްރިޖް އަޅަން ހަވާލު ކުރި ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީގެ ސަބްސިޑަރީ ކުންފުނި، ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިންގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޓީމުވެސް ވަނީ ރާއްޖެ އައިސްފަ އެވެ.

މި ޕްރޮޖެކްޓަށް 250 އެއްހައި މިލިއަން ޑޮލަރު ހަރަދު ވާއިރު 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ ބައެކެވެ. އަދި ބާކީ 150 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަންޑޮލަރު ދިވެހި ސަރުކާރުން ވަނީ ލޯނެއްގެ ގޮތުގައި ނަގާފަ އެވެ.