ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އައްޑޫގައި ދިރިއުޅުއްވި ގޭގައި އަލިފާން ރޯކޮށްލަން މަސައްކަތްކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އިސް ބޭފުޅަކުވެސް ވަނީ ރޭގެ ވަގުތެއްގައި އެފަދަ ހާދިސާއެއް ހިނގިކަން އަވަސް އަށް ޔަގީން ކޮށްދެއްވާފަ އެވެ.
އެނގިފައިވާ ގޮތުގައި ރޯކޮށްލަން މަސައްކަތް ކޮށްލީ އަސްލަމްގެ އަނބިކަނބަލުންގެ ބައްޕަގެ ގެއެކެވެ. އަސްލަމް އައްޑޫއަށް ވަޑައިގެން އެ ގޭގައި ދިރިއުޅުއްވާ ކަމަށް ވެއެވެ.
އެ އޮފިޝަލް ވިދާޅުވީ ހިތަދޫގައި ހުންނަ ޝަރަފުއްދީން ސްކޫލު ކައިރީގައި ހުންނަ އެ ގޭގައި ރޯކޮށްލަން ގޭގެ ދޮރުމައްޗަށް ތެޔޮ އަޅާފައި ހުރި ކަމަށެވެ. އެކަމަކު އައްޑުއަށް ރެއަކީ މޫސުން ގޯސް އަދި ކޮންމެވެސް ވަރަަކަށް ވާރޭ ވެސް ވެހުނު ރެއަކަށް ވާތީ އެކަން ކާމިޔާބު ނުވީ ކަމަށެވެ.
"އެ ގެއަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެސް ދީފައި ހުރި ކަމަށް މިހާތަނަށް އެނގިފައިވަނީ،" އޭނާ ވިދާޅުވި އެވެ.
އަސްލަމް އައްޑޫގައި ދިރިއުޅުއްވި ގެއެއްގައި ރޯކޮށްލުމަށް މަސައްކަތް ކޮށްފައި މިވަނީ އަސްލަމާއި ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ނާޒިލްއާ ދެމެދު ހިނގައިދިޔަ ދެބަސްވުމެއްގެ ތެރެއިން ނާޒިލް، އަސްލަމަށް ޖިންސީ ފުރައްސާރަ ކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ކަން މަޖިލީހުން ވެސް ޔަގީން ކޮށްދީފައިވެ އެވެ.