މޯލްޑިވްސް ޕޮލިސް ސާވިސް

އަސްލަމް ދިރިއުޅުއްވި ގެއެއްގައި ރޯކޮށްލި މައްސަލަ ފުލުހަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އައްޑޫގައި ދިރިއުޅުއްވި ގޭގައި އަލިފާން ރޯކޮށްލަން މަސައްކަތްކޮށްލި މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު އަވަސް އަށް ވިދާޅުވީ މައްސަލަ މިއަދު 8:45 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މީހަކު އަދި ހައްޔަރު ނުކުރާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް އޮފިސަރު ވިދާޅުވި އެވެ.

އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލު ކައިރީގައި ހުންނަ އެ ގޭގައި ރޯކޮށްލަން ގޭގެ ދޮރުމައްޗަށް ތޮޔޮ އަޅާފައިވެ އެވެ. އެކަމަކު އައްޑުއަށް ރެއަކީ މޫސުން ގޯސް އަދި ކޮންމެވެސް ވަރަަކަށް ވާރޭ ވެސް ވެހުނު ރެއަކަށް ވާތީ އަލިފާން ރޮއި ނުވީ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރޯކޮށްލަން މަސައްކަތް ކުރީ އަސްލަމްގެ އަނބިކަނބަލުންގެ ބައްޕަގެ ގެއެއްގަ އެވެ. އަސްލަމް އައްޑޫއަށް ވަޑައިގެން އެ ގޭގައި ދިރިއުޅުއްވާ ކަމަށް ވެއެވެ.

އަސްލަމް އައްޑޫގައި ދިރިއުޅުއްވި ގެއެއްގައި ރޯކޮށްލުމަށް މަސައްކަތް ކޮށްފައި މިވަނީ އަސްލަމާއި ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ނާޒިލްއާ ދެމެދު ހިނގައިދިޔަ ދެބަސްވުމެއްގެ ތެރެއިން ނާޒިލް، އަސްލަމަށް ޖިންސީ ފުރައްސާރަ ކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ކަން މަޖިލީހުން ވެސް ޔަގީން ކޮށްދީފައިވެ އެވެ.