ބޮލީވުޑް

ދަރިފުޅު ހައްޔަރު ކުރުމުން ޝާހްރުކްގެ ފިލްމުތައް މަޑުޖައްސާލައިފި

ޑްރަގްގެ މައްސަލަ އެއްގައި ޝާހް ރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ޚާން މި އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ހައްޔަރު ކުރުމާ ގުޅިގެން ޝާހް ރުކް ކުޅެމުން އައި ފިލްމުތަކުގެ މަސައްކަތް މި ވަގުތަށް ހުއްޓާލައިފި އެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އާރްޔަން އާއި އެކުވެރިންތަކެއް ހައްޔަރުކުރީ ކްރޫޒް ޝިޕެއްގައި އޮތް ޕާޓީއަކުންނެވެ. އެ ޕާޓީގައި ޑްރަގް ބޭނުން ކުރަމުން ދިޔަ ކަމަށް އެންސީބީ އޮފިޝަލުން ބުނެފައި ވެއެވެ.

ދަރިފުޅު ހައްޔަރު ކުރުމުން ޝާހް ރުކް އާއި އާއިލާއަށް މި ވަގުތު ވަނީ ވަރަށް ބޮޑު ހިތާމައަކާއި ހިތްދަތި ކަމެއް ކުރިމަތިވެފަ އެވެ. އަދި މިފަދަ ވަގުތެއްގައި އޭނައަށް ފިލްމުތަކުގެ ޝޫޓިންގް ތަކުގައި ބައިވެރިވުމަކީ ކުރެވޭނެ ކަމެއް ނޫންކަން ހުރިހާ ޕްރޮޑިއުސަރުން ވެސް ގަބޫލު ކުރެ އެވެ.

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން 2017 ގައި ޝާހްރުކް ކުޅުނު "ޒީރޯ" ފްލޮޕް ވުމަށް ފަހު ފާއިތުވީ ދުވަސްތަކުގައި އޭނާ އެއްވެސް ފިލްމެއް ކުޅެފައެއް ނުވެ އެވެ. ޔާޝް ރާޖް ފިލްމްސްގެ "ޕަޓާން" ގެ މަސައްކަތް އޭނާ ފެށީ ދާދި ފަހުންނެވެ. މި ފިލްމުގެ ބަތަލާ އަކީ ދީޕިކާ ޕަދުކޯން އެވެ.

ކުރިން ހަމަޖެހިފައި އޮތީ "ޕަތާން" ގެ ފުރަތަމަ އިންޓަނޭޝަނަލް ޝެޑިއުލް އަށް އޮކްޓޯބަރު 10 ވަނަ ދުވަހު ޝާހް ރުކް އާއި ފިލްމުގެ ކުރޫން ސްޕޭނަށް ފުރާ ގޮތަށެވެ. މި ދަތުރުގައި ވަރަށް ރޮމެންޓިކް އަދި އަގުބޮޑު ލަވައެއް ޝޫޓް ކުރަން އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް މިހާރު ހުރިހާ ޝޫޓިންގްތަކެއް ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. އަދި އަޓްލީގެ ފިލްމެއްގެ މަސައްކަތް ވެސް ޝާހްރުކް ފަށާފައި ވެއެވެ. އެ ފިލްމު ވެސް ވަނީ ވަކި މުއްދަތެއް ނެތި ފަސްކޮށްފަ އެވެ.

އާރްޔަން ބެއިލް ބަހައްޓައިގެން ސަލާމަތް ވިޔަސް ވާނީ 7 އޮކްޓޯބަރުގައި ކޯޓުގައި ބާއްވާ އަޑުއެހުމަށް ފަހުގަ އެވެ.

ޝާހް ރުކްގެ ފޭނުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އިއްޔެ އޭނާގެ ބަންގްލޯ ދޮށަށް އެއްވެ އޭނާއަށް ސަޕޯޓްކުރާކަން ހާމަކޮށްފައި ވެއެވެ.