ލައިފްސްޓައިލް

ހިކެން، ދުވާލަކު ކިތައް ފިޔަވަޅު އަޅަން ޖެހޭނެ؟

ޓެކްނޮލޮޖީ ތަރައްގީ ވެގެން ގޮސް އަހަރެމެން ކޮންމެ ދުވަހަކު އަޅާ ފިޔަވަޅުގެ އަދަދު ވެސް ބަލާލަން މިހާރު އެއްވެސް ކަމަކަށް ނުވެ އެވެ. އަތުގައި އޮންނަ ސްމާޓް ފޯނުން، ސްމާޓް ގަޑިން އަދި އެނޫން ވެސް ގެޖެޓަކުން ފިޔަވަޅުގެ އަދަދު ކޮންމެ ވަގުތެއްގައި ވެސް ބަލާލެވެ އެވެ. ނަމަވެސް ސުވާލަކީ ހިކެން ބޭނުމިއްޔާ ދުވާލަކު ކިތައް ފިޔަވަޅު އަޅަން ޖެހޭނެ ހެއްޔެވެ؟

ދުނިޔޭގެ ގިނަ ބައެއްގެ ހިތުގައި އޮންނަނީ އެންމެ އަދަދެކެވެ. ގިނަ ބަޔަކު ގަބޫލު ކުރަނީ ބަރުދަން ލުއި ކުރަން ބޭނުން މީހުން ދުވާލަކު 10،000 ފިޔަވަޅު އެޅުމުން ފުދޭނެ ކަމަށެވެ. ބަރުދަން ލުއި ކުރުމަށް ހަށިގަނޑު ހަރަކާތް ކުރުން މުހިއްމު ކަމަކަށް ވިޔަސް ފިޔަވަޅު ވަކި ވަރަކަށް އަޅައިގެން ބަރުދަން ލުއި ކުރެވިދާނެ ކަމުގެ ސައިންޓިފިކް ހެއްކެއް ނެތެވެ.

ޔުނިވާސިޓީ އޮފް ޓެކްސަސްއިން ހަދާފައިވާ ދިރާސާއެއް ބުނާ ގޮތުގައި ހަރަކާތްތެރިކޮށް އުޅޭ މީހުންނަށް 5،000 ފިޔަވަޅު ނުވަތަ އެއަށް ވުރެ މަދުން އަޅައިގެން ސަރުބީ ވިރުވާލެވޭ ވަރެއް ނުވާނެ އެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް މަދުވެގެން 5،000 ފިޔަވަޅު އެޅުމަކީ ސަލާމަތެއް ސިއްހަތެއްގައި ހުރުމަށް މުހިއްމު ކަމެކެވެ.

ޔުނިވާސިޓީ އޮފް ކެންޓަކީގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ކަސްރަތު ކޮށްގެން ސަރުބީތައް ވިރުވާ މީހުންގެ ހަށިގަނޑަށް އެ ސަރުބީ އަނބުރާ އައުމަކީ ވަރަށް ފަސޭހައިން ވާނެކަމެކެވެ. ސަބަބަކީ މިފަދަ މީހުން ދުވާލަކު 1،000 ކެލޮރީޒް އިތުރަށް ކާތީ އެވެ.

އަހަރެމެން ކަސްރަތު ކުރާވަރަކަށް ކެވޭ މިންވަރު ވެސް އިތުރު ކުރެވެ އެވެ. އެހެންކަމުން ހަފުތާއަކު 1،000 ކެލޮރީޒް އެންދުމަށް ކަސްރަތުކުރާނަމަ އަހަރެމެންގެ ހަށިގަނޑުން އެންމެ ސަރުބީކޮޅެއް ވެސް ނުވިރޭނެ އެވެ. ނަމަވެސް 3،000 ވަރަކަށް ކެލޮރީޒް ހަފުތާއަކު އަންދާލައިފިނަމަ ދެ ތިން މަސް ތެރޭގައި ނަތީޖާ ފެންނާނެ އެވެ.

އެންމެ ރަނގަޅު ގޮތަކީ ސިއްހަތަށް ފައިދާހުރި ގޮތަކަށް ކެއުން ބަދަލުކޮށްލުމަށްފަހު ފިޔަވަޅު ގުނަން ފެށުމެވެ. އޭރުން 10،000 ފިޔަވަޅަށް ވުރެ މަދުން އެޅިޔަސް އެކަށީގެންވާ ގޮތަކަށް ބަރުދަން ބެހެއްޓި ދާނެ އެވެ.