ފިނޭންސް މިނިސްޓްރީ

43 ރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާނެ ބަޔަކު ހޯދަނީ

Oct 6, 2021
1

އަތޮޅުތެރޭގެ 43 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ.

އިއުލާންގައިވާ ލިސްޓްގައި ހިމެނެނީ ހއ. އަތޮޅުގެ ހަ ރަށާއި، ށ. އަތޮޅުގެ ހަތް ރަށާއި، ރ. އަތޮޅުގެ ފަސް ރަށާއި، އދ. ކުނބުރުދޫއާއި، ވ. އަތޮޅުގެ ދެ ރަށާއި، މ. އަތޮޅުގެ ހަތަރު ރަށާއި، ފ. މަގޫދޫއާއި، ދ. މާއެނބޫދޫއާއި، ތ. އަތޮޅުގެ އަށް ރަށާއި، ލ. އަތޮޅުގެ ތިން ރަށާއި، ގއ. އަތޮޅުގެ ތިން ރަށާއި ގދ. ނަޑެއްލާ އެވެ.

ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވެސް 43 ރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވެ އެވެ. ނަމަވެސް އެކަށީގެންވާ އަދަދަކަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އަނެއްކާ ވެސް އިއުލާންކުރީ އެވެ.

ލޭންޑް ޔޫސް ޕްލޭން ހަދާ ފަރާތަކުން ޓޮޕްގްރަފިކް ސާވޭ ވެސް ރަށްތަކުގައި ހަދަންޖެހެ އެވެ. އެއް ރަށަށް ވުރެ ގިނަ ރަށުގެ މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުުރުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދޭނީ ޝޯޓްލިސްޓް ކުރާ ފަރާތްތަކަށް ކަމަށެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން ކުންފުނީގެ މައުލޫމާތާއި، މަސައްކަތް ކުރުމުގެ ގާބިލްކަމާއި ތަޖުރިބާ ހުރި ގޮތް އަންގައިދޭ ލިޔުންތައް ހުށަހަޅަންޖެހެ އެވެ