އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުން އިދިކޮޅު ޕީޕީއެމް / ޕީއެންސީން ބޮއިކޮޓްކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑަގައިގަތުމަށް އދގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެ ވަޑައިގަތީ މިއަދު އެވެ. އަދި އަންނަ އާދިއްތަ ދުވަހާ ހަމައަށް އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގައި މަޑުކުރައްވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަޖިލީހުގެ މެމްބަރުންނާ ޝާހިދު ބައްދަލުކުރީ މިއަދު ހެނދުނު އެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަވަސްއަށް ވިދާޅުވީ އެ ބައްދަލުވުމުގައި ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށެވެ.
ބައްދަލުވުން ބޮއިކޮޓް ކުރި ސަބަބުވެސް ޝިޔާމް ސާފުކޮށްދެއްވި އެވެ. ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ފޮރިން މިނިސްޓަރުގެ މަގާމުން ޝާހިދު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅެއް ރާއްޖެއަށް ޝާހިދު ކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.