ސިވިލް ކޯޓް

އޮފިސަރުން ވަކިކުރާ މައްސަލަ ކޯޓަށް ހުށަހަޅައިފި

Oct 6, 2021
1

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކޮމިޝަންޑް އޮފިސަރުން އެކަމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވުމުގައި ފަރުހާދާއި ޝުހާދު ބައިވެރިވެފައެއް ނުވެ އެވެ.

ފުލުހުންގެ ވަޒީފާ އިން ހަތް އޮފިސަރަކު ވަކިކުރުމަށް ބޯޓުން ލަފާދިންތާ މަސް ދުވަސް ފަހުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އަހުމަދު މުހައްމަދާއި ޖަމްޝީދު މަގާމުން ވަކިކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނޯޓިސް ދެއްވާފަ އެވެ. ނޯޓިހުގައިވާ ގޮތުން އެ ދެ ބޭފުޅުން މިއަދު ވަޒީފާ އިން ވަކިކުރާނެ އެވެ.

މިމައްސަލާގައި އޮފިސަރުންގެ ފަރާތުން ދިވެހި ޗެމްބާސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.

ދިވެހި ޗެމްބާސް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ އިދާރާގައި އެތައް އަހަރަކު މަސައްކަތް ކޮށްފައިވާ އޮފިސަރުންތަކެއް ވަކިކުރަން ނިންމާފައިވަނީ ބޭއިންސާފުން ކަމަށެވެ. އޮފިސަރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދީ ވަޒީފާ އިން ވަކިކުރާތީ އެބޭފުޅުންނަށް ގާނޫނީ ގޮތުން ލިބޭ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ.

އޮފިސަރުންނާ މެދު އަމަލުކުރި ގޮތުގައި ގާނޫނީ ފުށުއެރުންތަކެއް ހުރިކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ މައްސަލާގައި އެދިފައިވަނީ އޮފިސަރުން ވަޒީފާއިން ވަކިކުރުމުގެ ގޮތުން ފުލުހުންގެ ހިދުމަތާއި ޕޮލިސް ބޯޑާއި އަދި ކަމާގުޅޭ އެހެން ފަރާތްތަކުން ވެސް އެއްވެސް ކަމެއް ނުކުރުމަށް އަމުރުކޮށްދިނުމަށެވެ.

ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންތަކެއް ވަޒީފާ އިން ވަކިކުރަން ނިންމުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި އޮފިސަރުން ވަކިކުރާ ވަކި ސަބަބެއް ބުނެފައެއް ނުވެ އެވެ. އެހެންނަމަވެސް އެ އޮފިސަރުން ވަކިކުރަން ނިންމީ އެބޭފުޅުންނަށް ތުހުމަތުކުރެވޭ ލާއިންސާނީ އަނިޔާވެރި އަމަލާއި ކޮރަޕްޝަންގެ އަމަލުތަކާއި ގުޅިގެން އިދާރާތަކުން މައުލޫމާތު ހޯދައިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށް ފުލުހުން ބުނެފައިވެ އެވެ.