އެމްޑަބްލިއުއެސްސީ

ފެން އުފައްދާ ޕްލާންޓެއް ހޯދަން ދެ މިލިއަން ޑޮލަރަށް ހިޓާޗީއަށް

Nov 30, 2015

މާލޭގެ ފެނުގެ ނިޒާމު ވަރުގަދަ ކުރުމަށް ބޭނުންވާ އާރްއޯ ޕްލާންޓް، ނޫނީ ލޮނުން ސާފު ބޯފެން އުފައްދާ ޕްލާންޓެއް ހޯދަން ދެ މިލިއަން ޑޮލަރަށް ހިޓާޗީ އާއި ޓެކް އިންޖިނިއަރިންއާ އެކު މިއަދު ސޮއިކޮށްފި އެވެ.

ދުނިޔެއަށް މަޝްހޫރު ހިޓާޗީ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ހިޓާޗީ އަކުއާ ޓެކް ކުންފުނިން ގައުމީ ފެން ކުންފުންޏަށް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ 5،000 ޓަނުގެ އާރުއޯ ޕްލާންޓެކެވެ. މި އެއްބަސްވުމުގައި ގައުމީ ފެން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. އަދި ހިޓާޗީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޓަންގް ޗޭވީ އެވެ.

ހިޓާޗީ ކުންފުންޏަށް ހަވާލުކުރި އާރްއޯ ޕްލާންޓާ ބެހޭ ގޮތުން ފެން ބިލްޑިންގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ މި ޕްލާންޓް މާލޭގައި ބަހައްޓާނީ އެ ކުންފުނީގެ އަމިއްލަ ބިމެއްގައި ކަމަށެވެ.

"މިއީ ކުންފުނީގެ ޑީސެންޓަލައިޒޭޝަންގެ ދަށުން ފެނުނު މަަސައްކަތެއް.މި މަސައްކަތުން ދަށުން ލިބޭ އާރްއޯ ޕްލާންޓް ގެނެސް ބެހެއްޓޭނެ،" ފަޒުލް ވިދާޅުވި އެވެ.

މި ޕްލާންޓު ގާއިމްކުރާނީ ހަވީރީ ހިނގުމުގައި ހަދާ ސަރަހައްދާއި ކަލާފާނު ކައިރީ ޓޭންކަށް ފެން ޕަންޕު ކުރާ ގޮތަށް ކަމަށެވެ.

"މެޝިން ޑެލިވާ ކުރަން ހަ މަސްވަރު ނަގާނެ. މެޝިންތައް އައުމުގެ ކުރިން ކޮންސްޓްރަކްޝަން މަސައްކަތް ނިންމޭނެ. އޭރުން އެ ބޭފުޅުންނަށް މެޝިން ކޮމިޝަން ކުރުމުގެ ޖާގަ ލިބޭނެ،" ފަޒުލް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހިޓާޗީ ހިޓާޗީ އެކުއަ ޓެކް އިންޖިނިއަރިންގެ މެނޭޖިން ޑިރެކްޓަރު ޓޭން ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި މިފަދަ ގިނަ ޕްލާންޓްތައް ބަހައްޓައިދީފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ރާއްޖެއަށް އާ ބައެއް ނޫން. މި ޕްލާންޓް ގާއިމް ކުރާއިރު އެންމެ ބޮޑަށް ބަލާނީ ރައްކާތެރިކަމާއެކު ހިދުމަތް ދިނުމަށް،" ޓަންގް ވިދާޅުވި އެވެ.