ހިޔާ މަޝްރޫއު

ހިޔާ މަޝްރޫއު: 6084 ފްލެޓް ހަވާލުކޮށްފި

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން ފްލެޓް ލިބޭ 6084 މީހުންނާ ފްލެޓް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ގުރުއަތުލައިގެން ފްލެޓްތައް ލިބޭ މީހުން ކަނޑައަޅައި އެ ފްލެޓްތައް ހަވާލުކުރަން މިދިޔަ ޖުލައި މަހު ފެށިފަހުން އޭގެ ބޮޑު ބައި ނިމިފައިވާ ކަމަށެވެ.

އެގޮތުން ހަވާލުކުރަން ނިންމި 6455 ފްލެޓްގެ ތެރެއިން ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރަން 6215 މީހަކަށް ދައުވަތު ދިން ކަމަށާއި އޭގެ ތެރެއިން 6084 މީހަކާއެކު އެއްބަސްވުން ހަދާ ފްލެޓްތައް ހަވާލުކޮށްފައިވާ ކަަމަށެވެ. އަދި މިހާރު ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ބާކީ އޮތީ 33 މީހެެއް ކަަމަށެވެ.

"..މި 33 ފަރާތްތަކުގެ ތެރެއިންވެސް މައިގަނޑު ގޮތެއްގައި މި އިންނަނީ ދެ ފަރާތެއްގެ ދެމެދުގައި ފްލެޓް ބަދަލުކުރަން އެދިފައި ހުރީމަ އެއް ފަރާތަކުން ކޮންމެވެސް ސަބަބެއް އޮވެގެން ކުރިއަށް ނުގެންދިވި އޮތް ފަރާތްތައް މީގަ ގިނަވާނީ" އެޗްޑީސީން ބުނެއެވެ.

އެކި ސަބަބުތަކާ ހުރެ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވެން ނެތް 207 މީހެއް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ފްލެޓްތައް ދޫކޮށްލަން ބޭނުންވާ މީހުންނާއި ނިޔާވެފައިވާ މީހުން އަދި ވިނަރެސް ފްލެޓްތަކަށް ބަދަލުވާން ބޭނުންވާ މީހުން ހިމެނޭ ކަމަށް އެޗްޑީސީން ބުނެ އެވެ. އެގޮތުން 23 މީހަކު ފްލެޓް ދޫކޮށްލަން ނިންމި އިރު ފްލެޓް ލިބުނު ތިރީހަކަށް މީހުން ވަނީ މަރުވެފައެވެ.

ހިޔާ ފްލެޓްތަކުގައި މިހާރު 200 އާއިލާ ދިރިއުޅެން ފަށައިފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން އިތުރަށް ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ތިން ސުޕަމާކެޓާއި ގްރޮސެރީ ސްޓޯ ތަކާއި ކެފޭތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.