ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާނީ ބާސެލޯނާގެ ބްރެޒިލް ފޯވަޑް ނޭމާ އާއި އެ ޓީމުގެ އާޖެންޓީނާ ފޯވަޑް ލަޔޮނަލް މެސީ އާއި ރެެއާލް މެޑްރިޑުގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އިއުލާނުކޮށްފި އެވެ.
މީގެ ތެރެއިން ރޮނާލްޑޯ އަކީ ހުސްވި ދެ އަހަރުގެ މޮޅު ކުޅުންތެރިޔާ އެވެ. މެސީ އަކީ އޭގެ ކުރީ ހަތަރު އަހަރު މި އެވޯޑް ހޯދި ކުޅުންތެރިޔާ އެވެ. ތާރީހުގައި އެންމެ ގިނައިން މި އެވޯޑް ހޯދީ ވެސް މެސީ އެވެ. އެއީ ޖެހިޖެހިގެން ހަތަރު ފަހަރު އެވެ. ބްރެޒިލްގެ ކެޕްޓަން ނޭމާ އަށް އަދި މި އެވޯޑެއް ނުލިބެ އެވެ.
ރެއާލް މެޑްރިޑަށް ތައްޓެއް ލިިބިފައިނުވާއިރު ބާސެލޯނާއިން ހުސްވި ސީޒަނުގެ ތިން ތަށި ވެސް ކާމިޔާބުކޮށްފައިވާތީވެ އަންނަ ޖެނުއަރީ މަހު އިއުލާނުކުރާ މި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުން އެންމެ ގާތީ އާޖެންޓީނާގެ ގައުމީ ކެޕްޓަން މެސީ އަށެވެ. އަދި އޭނާ ވަނީ އާޖެންޓީނާ ކޮޕާ އެމެރިކާގެ ފައިނަލަށް ވެސް ގެންގޮސްދީފަ އެވެ. ބާސެލޯނާގައި ހުސްވި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ވަނީ ގަދަ ތިނަކުން ބާކީވެފަ އެވެ.
ގައުމީ ކެޕްޓަނުންނާއި ކޯޗުން ވޯޓުލައިގެން ހޮވާ މި މަގާމުގެ އިތުރުން ފީފާއިން ވަނީ ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ތިން ކޯޗުން ވެސް އިއުލާނުކޮށްފަ އެވެ. އެއީ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ އާއި އެ ޓީމުގެ ކުރީގެ ކޯޗު އަދި މިހާރު ބަޔާން މިއުނިކަށް ކޯޗުކޮށްދޭ ސްޕޭނުގެ ޕެޕް ގާޑިއޯލާ އާއި ޗިލީ އަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްދިން ކޯޗު ޖޯޖް ސަމްޕޯލީ އެވެ.
މީގެ އިތުރުން އެންމެ ރީތި ލަނޑެއްޖަހާ ކުޅުންތެރިޔާ އަށް ދޭ ޕުސްކާސް އެވޯޑަށް ވާދަ ކުރަނީ މެސީ އާއި ރޯމާގެ އަލެސެންދްރޯ ފްލޮރެންޒީ އާއި އެތްލެޓިކޯގެ ވެންޑެލް އެވެ.