ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދިވެހިން ބައިބައިކުރަން ބަޔަކު އެބަ މަސައްކަތް ކުރޭ: ރައީސް

ނުރަނގަޅު ފިކުރުތައް ފަތުރައި އިޖްތިމާއީ އަދަބު އަހުލާގުގެ ހަފޮޅުން ބޭރުކޮށް ދިވެހިން ބައިބައި ކުރުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމަށާ އެކަމަށް ހޭލާ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނުރަނގަޅު ފިކުރުތަކަށް ފާޅުގައި ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އަދި އަހުލާގީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބޭ ބައެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމީ ވާޖިބެއް ކަމުގައި ދެކި ދިވެހިރާއްޖެ އާއި ދިވެހިވަންތަ ކަަމަށް އަދި ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި ދަރިން މުޖުތަމައުއަށް ނެރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ދިވެހި ވަންތަ ޝަހުސިއްޔަތެއްގެ ސިފަތައް ކޮންމެ ދަރިއެއްގެ ކިބައިގައި ހަރުލައްވަން ޖެހޭ ކަމަށެވެ.

ނުރަނގަޅު ފިކުރުތައް އަޅުގަނޑުމެންގެ ތެރެއަށް ފަތުރައި އިޖްތިމާއީ އަދަބު އަހުލާގުގެ ހަފޮޅުން ބޭރުކޮށް ދިވެހިން ބައިބައިކުރުމަށް ބަޔަކު ކެނޑިނޭޅި އެބަ މަސައްކަތް ކުރޭ. މިފަދަ ފިކުރުތަކަށް ފާޅުގައި ނޫނެކޭ ބުނެ އަހުލާގީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބޭ ބައެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް | ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ

ރައީސް ވިދާޅުވީ ގައުމުގެ ފޯދެމުން އަންނަ ޖީލުގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު އުފައްދައި ގައުމީ ލޯބި ދިރުވައި އާލާ ކުރުމުގެ އަޒުމު ކަނޑައެޅުމަކީ މިފަދަ ގައުމީ މުނާސަބަތެއްގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ދިވެހިންގެ ގައުމިއްޔަތު ދިރުވައި އާލާކުރެވޭނީ ގައުމީ ސިފަތަކަށާއި ގައުމިއްޔަތަށް ލޯބިކުރާ ޒުވާން ޖީލެއް އުފެދިގެން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދިގު ތާރީހެއް އެބައޮތް. މުއްސަދި ސަގާފީ ތަރިކައަކާއި ފަހުރުވެރި ގައުމިއްޔަތެއް އެބަ އޮތް. ދިވެހިންނަކީ ސުލްހަޔާއި ހަމަޖެހުމާއި މަޑުމައިތިރިކަމުގައި މުއައްރިހުން މިސާލު ޖަހާ އުޅުނު ބައެއް. ދިވެހިންނަކީ ހަމްދަރުދީ އާއި އޯގާތެރިކަމާއި ކުލުނާއި ލޯބީގެ މަތީގައި ދިރިއުޅުން ބިނާކުރި ބައެއް،" ރައީސް ވިދާޅުވިއެވެ.