ޕީޕީއެމް

ޕީޕީއެމަށް އިތުރު 600 މެންބަރުން ގުޅިއްޖެ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށައަޅައިފި އެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްއާ ވަރަށް ގިނަ މެންބަރުން ގުޅެމުންދާ ކަމަށެވެ. އެ ގޮތުން މިދިޔަ މުއްދަތުގައި އެ ޕާޓީއާ ގުޅުނު މެންބަރުންގެ ތެރެއިން 600 މެންބަރުންގެ ފޯމް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށެވެ. އެ ފޯމްތައް ހުށައަޅާފައިވަނީ ޕާޓީން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެވެ.

ޕީޕީއެމަށް 100،000 މެންބަރުން ހަމަކުރުމަށް ބޮޑު ކެންޕެއިނެއް ވަނީ ފަށާފައެވެ. އެ ކެންޕެއިންގެ ތެރެއިން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ޕާޓީގެ އިސް ބޭފުޅުން ވަނީ ޒިޔާރަތް ކުރައްވާފައެވެ. އެ ދަތުރުތަކުގައިވެސް ގިނަ ބަޔަކު ވަނީ ޕީޕީއެމާއި ގުޅިފައެވެ.

ޕީޕީއެމްގެ ދަފްތަރުގައި ހިމަނައިދިނުމަށް އެދި 600 ފޯމް ހުށައަޅާފައިވާއިރު މިވަގުތުވެސް އެ ޕާޓީގައި 37،093 މެންބަރުން އެބަތިއްބެވެ. އެއީ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ.

ޕީޕީއެމް ހިމެނޭ އިދިކޮޅު ކޯލިޝަންގައި ޕީއެންސީ ހިމެނޭއިރު އެ ޕާޓީ ބޮޑުކޮށް ފުޅާކުރަން މާބޮޑު މަސައްކަތްތަކެއް ނުކުރެއެވެ.