ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔޫއޭއީ އަށް ވަޑައިގެންފި އެވެ.
ރައީސް ނަޝީދު ޔޫއޭއީ އަށް ވަޑައިގަތީ ރާއްޖެ ބައިވެރިވާ ވޯލްޑް އެކްސްޕޯ އެ ގައުމުގައި ފަށާފައި ވަނިކޮށެވެ.
ރައީސް ނަޝީދަށް ޔޫއޭއީ އިން މަރުހަބާ ދެންނެވީ އެކްސްޕޯގައި ރާއްޖެ ތަމްސީލް ކުރާ ކޮންޓިންޖެންޓުގެ އިސްވެރިޔާ ޔޫސުފް ރިޒާ އެވެ.
އެކްސްޕޯގެ ތެރެއިން މާދަމާ ކުރިއަށްދާ ވޯލްޑް މަޖިލިސްގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.
މެދުއިރުމަތީގެ ގައުމެއްގައި މުޅިން އަލަށް ބާއްވާ މި އެކްސްޕޯގެ އަމާޒަކީ އާ އީޖާދުތަކާއި އެކިއެކި ހިޔާލުތައް އެއްތަނަކުން ދައްކައިދީ އެކަންކަމުގެ ތެރެއިން އިންސާނިއްޔަތަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރުމެވެ.
މިމަހުން ފެށިގެން ހަމަސް ދުވަހަށް ޔޫއޭއީގެ ދުބާއީގައި ކުރިއަށްދާ އެކްސްޕޯގައި މިމަހުގެ 25 ވަނަ ދުވަހަކީ ރާއްޖެ އަށް ހާއްސަކުރާ ދުވަހަކަށް ހެދުމަށް ވަނީ ނިންމާފަ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ އަށް މެއި މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ޖަރުމަނަށެވެ. އެމަނިކުފާނު ޔޫއޭއީ އަށް މިއަދު ވަޑައިގެންފައި މިވަނީ އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު އެވެ.
ރާއްޖެއިން ބޭރުގައި މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ރާއްޖޭގައި ނެތުމުން ކަމަށް ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.