ރާއްޖެ ކުޅިވަރު

ރެފްރީ އަށް ހަމަލާދިނުމުން ޓޫކިލޯ 10 މެޗަށް ސަސްޕެންޑްކޮށްފި

މިނިވަން50 ފުޓްބޯޅަ ޗެމްޕިއަންޝިޕުގައި އަމިއްލަ ރަށް އއ. ތޮއްޑޫ އަށް ކުޅުނު ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހުތާރު ނަސީރު (ޓޫކިލޯ) ރެފްރީ އަށް ހަމަލާދީގެން 10 މެޗަށް ސަސްޕެންޑްކޮށްފި އެވެ.

މުބާރާތުގައި ތޮއްޑޫ އާއި ފެރިދޫ މި މަހުގެ 20 ވަނަ ދުވަހު ކުޅުނު މެޗުގައި އޭނާ އަށް ރެފްރީ ރަތްކާޑު ދެއްކުމުން އައި ރުޅީގައި ރެފްރީ އަށް ހަމަލާދިނުމުން އޭނާ އަށް ދިން މި ސަސްޕެންޝަނުގެ އިތުރުން ވަނީ 15000ރ. އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ޓޫކިލޯ އަށް ރަތްކާޑު ދެއްކީ ފެރިދޫ ކުޅުންތެރިއަކު ބޯޅައިގައި އަތްލި ކަމަށް ބުނެ އޭނާ މައްސަލަ ޖެއްސުމުން ރެފްރީ އެކަމާ އަޅާނުލުމުން ރޮނގު ބަލަހައްޓަން ހުރި އެސިސްޓެންޓް ރެފްރީ އަށް ހުތުރު ބަހުން މުއާމަލާތް ކުރުމުންނެވެ.

އެފްއޭއެމުން މިއަދު ބުނީ ސާފް ޗެމްޕިއަންޝިޕް 2008 ރާއްޖެ އަށް ކާމިޔާބުކޮށްދޭން ފައިނަލުގައި އިންޑިޔާ ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާ އަކީ ދިވެހި ފުޓްބޯޅައިގެ ބްރޭންޑެއް ކަމަށާއި އެފަދަ ކުޅުންތެރިއަކަށްވެ ހުރެ އޭނާ ކުރި ކުށަކީ ބަލައިގެނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި 10 މެޗަށް ސަސްޕެންޑްކުރީ ވެސް ދިވެހި ފުޓްބޯޅައިގެ ބްރޭންޑަކަށްވެ ހުރެ ރެފްރީ އަށް ހަމަލާދިނުމުން ކަމަށެވެ.

ވެލެންސިއާ އާއި ނިއު އަދި ވިކްޓަރީ އާއި އީގަލްސް އާއި އައިއެފްސީ އަށް ވެސް ކުޅުނު ޓޫކިލޯ މި މުބާރާތުގައި ކުޅުނީ ކުޅުން ހުއްޓާލައިގެން އަހަރެއްހާ ދުވަހު ހުރުމަށްފަހު އެވެ. މިދިޔަ ރޯދަ މަހު ބޭއްވި ކުރީގެ ކުޅުންތެރިން ވާދަކުރާ ވެޓަރަންސް މުބާރާތުގައި ވެލެންސިއާ އަށް ކުޅެ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ހޯދި އެވެ. ޓޫކިލޯ އަކީ އޭނާގެ އަގުވަޒަން ކުރުމުގެ ގޮތުން އެފްއޭއެމުގެ އެންމެ މަތީ ޝަރަފްދީފައިވާ ކުޅުންތެރިއެކެވެ. އަދި އޭނާ 2008ގެ ސާފް ޗެމްޕިއަންޝިޕުގައި ބޭނުންކުރި 23 ނަންބަރު ޖާޒީ ވެސް ވަނީ ތާރީހަށްޓަކައި އާސާރުކޮށްފަ އެވެ.