ވިޒިޓް މޯލްޑިވްސް

ފްރާންސްގައި ރާއްޖެ އިޝްތިހާރުކުރަން ޑިޖިޓަލް ކެމްޕޭނެއް

Oct 6, 2021

ފްރާންސް ރައްޔިތުންގެ މެދުގައި ރާއްޖޭގެ ފަތުރުވެރިކަން މަގުބޫލުކުރުމަށްޓަކައި ކެމްޕޭނެއް ފަށައިފި އެވެ.

ބައިނަލްއަޤްވާމީ ޓެކް ކުންފުންޏެއް ކަމަށްވާ އިންވައިބްސްއާ ގުޅިގެން ޑިޖިޓަލް މާކެޓިން ކެމްޕޭނެއްގެ ގޮތުގައި މި ކެމްޕޭން ކުރިއަށް ގެންދަން ނިންމާފައިވަނީ އެއް މަސް ދުވަހަށެވެ.

ހައި ޑެފިނިޝަން ފޮޓޯއާއި ވީޑިއޯ ބޭނުންކޮށްގެން ޑިޖިޓަލް މާކެޓިންގެ ތަފާތު ކެމްޕޭންތައް ހިންގުމުގައި އިންވައިބްސް އަކީ ދުނިޔޭގައި ފާހަގަކުރެވޭ ކުންފުންޏެކެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ކެމްޕޭންގެ އެންމެ ބޮޑު މަގުސަދަކީ ފްރާންސް ރައްޔިތުންގެ މެދުގައި ރާއްޖޭގެ ފަތުރުވެރިކަން މަގުބޫލުވެ، އެ ގައުމުން ރާއްޖެ އަށް ޒިޔާރާތްކުރާ ފަތުރުވެރިން އިތުރުކުރުން ކަމަށެވެ.

ކެމްޕޭންގެ ތެރެއިން ކުރެވޭ މަސައްކަތްތަކާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މައުލޫމާތު 1.5 މިލިއަން މީހުންނަށް ލިބިގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެ އެވެ.

ރާއްޖެ އަށް ޒިޔާރާތް ކުރާ ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޮގަސްޓް 10 ވަނަ ދުވަހުގެ ނިޔަލަށް 13،267 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.