ޓޫރިޒަމް

ފްރާންސްގެ ލަގްޒަރީ އިވެންޓެއްގައި ރާއްޖެ ޕްރޮމޯޓްކުރަނީ

ފްރާންސްގައި މިހާރު ކުރިއަށްދާ ގްލޯބަލް ލަގްޒަރީ އިވެންޓް "އައިއެލްޓީއެމް ކޭންސް" ގައި ރާއްޖެ ޕްރޮމޯޓް ކުރަން ފަށައިފި އެވެ.

މިދިޔަ ހޯމައިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ޓްރޭޑް ޝޯއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްތަނަކުން ބައްދަލުކޮށް މަޝްވަރާކޮށް ނެޓްވޯކްކުރުމުގެ އިތުރުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ފުުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ. މި ޓްރޭޑް ޝޯގައި ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް އިޝްތިހާރުކުރެވޭނެ އެވެ.

މި އަހަރުގެ ފެއާގައި 95 ގައުމަކަށް ނިސްބަތްވާ ފަރާތްތަކުން ޒިޔާރަތްކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މި ޓްރޭޑް ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ 14 ކުންފުންޏަކުން ބައިވެރިވެ އެެވެ.

ފްރާންސަކީ ރާއްޖެއަށް މިވަގުތު ނުވަ ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުވެސް މެެއެވެ. އެގޮތުން މިއަހަރުގެ ޑިސެމްބަރު މަހުގެ ހަތަރެއްގެ ނިޔަލަަށް 23،604 ފަތުރުވެރިން ފްރާންސްއިން ރާއްޖެ އައިސްފައި ވެއެވެ.

ފްރާންސްގެ މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން އެމްއެމްޕީއާަރުސީން މިއަހަރު ވަނީ ގިނަ ހަރަކާތްތަކެއް ހިންގައިފަ އެވެ. އެގޮތުން ފްރާންސްގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކި ކެމްޕޭންތަކާއި ވެބިނާތައް ހިންގައިފައި ވެއެވެ.