ހަބަރު

ބީބީސީ އާއި ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަނީ

ބައިނަލްއަގްވާމީ ގޮތުން ރާއްޖެ އިޝްތިހާރުކުރުމާ ގުޅޭ އެއްބަސްވުމެއްގައި އެމްއެމްޕީއާރްސީއާއި ބީބީސީ ގްލޯބަލް ނިއުސް އިން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދެވެ، ބީބީސީގެ ފަރާތުން ސޮއި ކުރެއްވީ ބީބީސީ ސްޓޫޑިއޯސްގެ ކޮމާޝަލް އޮޕަރޭޝަންސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ނިކް ކާލްޓަން އެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ ފަތުރުވެރިންނަށް ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަމާއި، ކޮވިޑްގެ ހާލަތާ އެކު ވެސް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ. އިޝްތިހާރު ތަކުގައި ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާތައް، ގެސްޓުހައުސްތައް އަދި ލިވާ ބޯޑުތަކާއި އެ ތަންތަނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބުނެދޭނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ މި އެއްބަސްވުމުގެ ބޭނުމަކީ ރާއްޖެ އަކީ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް އޮތް، ރައްކާތެރި ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ މާކެޓް ކުރުމެވެ. އަދި މި މެސެޖް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވާހަކައިން ގެނެސްދިނުން ކަމަށެވެ.

އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބް ވިދާޅުވީ ބީބީސާ އެކު ސޮއި ކުރެވުނު އެއްބަސްވުމަކީ މުޅި ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެ ކުންފުނިން ގެންގުޅޭ ގްލޯބަލް މާކެޓިން ސްޓްރެޓަޖީގެ ދަށުން ސޮއި ކުރެވުނު އެއްބަސްވުމެއް ކަމަށެވެ.

"މިއެއްބަސްވުމުގެ ދަށުން ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ އަކީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރަށް އޮތް، ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ. އަދި މިއެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި، މި ދާއިރާގެ އެކި މީހުންގެ ވާހަކަތައް ބީބީސީގެ ޕްލެޓްފޯމްތައް މެދުވެރި ކޮށް ޕްރޮމޯޓު ކުރެވޭނެ." ތޮއްޔިބް ވިދާޅުވި އެވެ.

ބީބީސީގެ އެލިސްޓާ މެކްއިވާން ވިދާޅުވީ ބީބީސީން ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތާއި ސައްހަ ހަބަރުތައް ގެނެސްދޭނެ ކަމަށެވެ. އަދި ރާއްޖޭގެ ސަގާފަތާއި ތާރީހު ގެނެސްދިނުމަށް ފުރުސަތު ލިބުނީތީ އުފާކުރައްވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ގްލޯބަލް މާކެޓިން ސްޓްރެޓަޖީގެ ދަށުން ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތައް މިިދިޔަ ޑިސެމްބަރު މަހު ފަށާފައިވާއިރު މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ހަރަކާތްތައް ކުރިއަށްދާނެ އެވެ.

އެމްއެމްޕީއާރްސީން މިދިޔަ އަހަރު ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް 22 މާކެޓެއްގައި ކުރިއަށް ގެންދިޔައިރު 260 ހަރަކާތް ކުރިއަށް ގެންދިޔަ އެވެ.