އާއިލާއަށް ވުރެ މުހިއްމު އެއްވެސް އެއްޗެއް ދުނިޔޭގައި ނުވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ނަމަވެސް އާއިލާގެ މީހަކަށް ނުވަތަ ބަޔަކަށް ބޮޑު ކަމެއް ޖެހޭ ވަގުތު މިކަން ސާބިތުކޮށްދީ އެމީހަކަށް ވެވުނު ގުރުބާނީ އެއް ވަނީ މަދު ބައެކެވެ.
ނަމަވެސް އިންޑިއާގެ ކަލްކަތާގައި ދިރިއުޅޭ އާއިލާއެއްގައި ހުރި މި ފިރިހެން ދަރިފުޅަކީ އާއިލާގެ ހައްގުގައި ކިތަންމެ ބޮޑު ގުރުބާނީއެއް ވެސް ވާން ތައްޔާރަށް ހުރި މީހެކެވެ. އަދި އޭނާ ވަނީ އަމަލުން އެކަން ސާބިތުކޮށްދީފަ އެވެ.
ހިއުމަންސް އޮފް ބޮމްބޭގައިވާ ލިޔުމުގައި މި ޒުވާން ފިރިހެން މީހާ ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ބައްޕަ އަކީ ދުވަހަކުވެސް ރާ ބޮއި ސިނގިރޭޓް ބޮއި ހެދި މީހެއް ނޫނެވެ. އެހެންވެ ކުއްލިއަކަށް ބައްޕަގެ ލިވާ ފޭލްވެ މަރުގެ ތުންފަތް މައްޗަށް ދިއުމުން އޭނާ އަށާއި އާއިލާގެ މީހުންނަށް ބޮޑު ޝޮކެއް ލިބުނު ކަމަށެވެ.
"ބައްޕައަށް ލިވާ ހަދިޔާ ކުރާނެ ޑޯނަރެއް ނެތުމުން ބައްޕައަށް ގިނަވެގެން ދުނިޔޭގައި ހުރެވޭނީ ހަ ވަރަކަށް މަސް ދުވަސް ކަމަށް ޑޮކްޓަރުން ބުނި. އަހަރެންނަށް ހަދާނެ ގޮތް ހުސްވި. ބައްޕަ އަހަރެން ކައިރީ ބުނި އަހަރެން ގްރެޖުއޭޓްވާ ތަން ދެކެން ދުނިޔޭގައި ހުންނަން ބޭނުމޭ. މަރުވާކަށް ބޭނުމެއް ނޫނޭ،" އެ ފިރިހެން މީހާގެ ޕޯސްޓުގައި ލިޔެފައި ވެއެވެ.
އޭނާ ބުނި ގޮތުގައި ބައްޕައަށް ދިމާވި މި މައްސަލައާއި އެކު އޭނާގެ ގޭގައި ހިތާމައިގެ ސާލެއް ފެތުރުނެވެ. އެއީ ކޮވިޑްގެ ދެވަނަ ރާޅު އިންޑިއާ އަށް ބިންދާލި ދުވަސްވަރު ކަމަށާއި އެންމެ ފުރަތަމަ ވެސް ވައިރަސް އެރީ އޭނާގެ ގަޔަށް ކަމަށް އެމީހާ ބުނެފައިވެ އެވެ.
"ކޮވިޑް ޖެހިގެން އެހެން މީހުންނާ އެކަހެރިކޮށް ހުރި ދުވަސްތަކުގައި އަހަރެން ވަރަށް ބައްޕައާ މެދު ވިސްނިން. ބައްޕައަށް އެންމެ އެހީތެރިކަން ބޭނުންވީ ވަގުތު އަހަރެންނަށް ދުރުގައި ހުންނަން ޖެހުމުން ވަރަށް ރޮވުނު. ނަމަވެސް ވީޑީއޯ ކޯލް ކޮށްގެން ބައްޕަ އާއި އަހަރެން އެކަކު އަނެކަކަށް ވަރަށް ހިތްވަރުދީ ވާހަކަ ދައްކާ ހެދިން،" އެމީހާ ލިޔެފައިވެ އެވެ.
ނަމަވެސް ކަން ދިމާކުރި ގޮތުން އޭނާ ކޮވިޑުން ރަނގަޅުވި ތަނާ އޭނާގެ ބައްޕައަށް ކޮވިޑް ޖެހުނީ އެވެ. އެހެންވެ އޭނާ ބައްޕައާ އެކު ހޮސްޕިޓަލުގައި އިނދެ އެ ދުވަސްވަރު އިމްތިހާނަށް ފިލާވަޅު ދަސްކުރި އެވެ.
"އަހަރެންނަށް ބައްޕަގެ ވޭން އިތުރަށް ބަލާކަށް ކެތެއް ނުވި. އެހެންވެ ބައްޕަ ގޮވައިގެން ގެއަށް އައިސް އަހަރެންގެ ނިންމުން އާއިލާއާ ހިއްސާކުރިން. އަހަރެންގެ ލިވާގެ ބޮޑު ބައެއް ބައްޕައަށް ދޭން ނިންމިން. ނަސީބަކުން ބައްޕަގެ އާއި އަހަރެންގެ ލިވާ މެޗުވޭ. ނަމަވެސް އަހަރެންގެ ލިވާގައި ސަރުބީ ހުރިލެއް ގިނަކަމުން އެ ލިވާ ބައްޕައަށް ނުލެއްވޭނެ ކަމަށް ޑޮކްޓަރުން ބުނި. އެހިސާބުން އަހަރެން ކަސްރަތުކޮށް ކެއުމަށް ބަލައިގެން އުޅެ އިސާހިތަކު ލިވާގައި ހުރި ސަރުބީތައް ދުއްވާލިން. ބައްޕައަށް ލިވާ ހަދިޔާ ކުރެވޭ ވަރަށް އަހަރެން ފިޓްވެއްޖެ ކަމަށް ފަހުން ހެދި ޓެސްޓްތަކުން ދެއްކުމުން އަހަރެން ހިތްހަމަ ޖެހުނަސް ބައްޕަ ގިސްލަ ގިސްލާފައި ރުއި،" އެމީހާ ސޯޝަލް މީޑިއާގައި ޝެއާ ކުރި ޕޯސްޓުގައި ވެއެވެ.
އޭނާ ބުނި ގޮތުގައި ބައްޕަ ދެރަވީ ލިވާގެ 65 ޕަސެންޓް ހަދިޔާކުރުމުން އޭނާގެ ސިއްހަތަށް މައްސަލައެއް ދިމާވެދާނެތީ އެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ ދުވަހަކުވެސް އަމިއްލަ ނަފްސަށް މައާފު ނުކުރެވޭނެ ކަމަށް އޭނާގެ ބައްޕަ ބުނި ކަމަށްވެ އެވެ. ނަމަވެސް ބައްޕަގެ ހަނގުރާމައަކީ އޭނާގެ ވެސް ހަނގުރާމައޭ. އަދި މި ހަނގުރާމަ އެ ދެބަފައިންނަށް ކާމިޔާބުވާނޭ ބުނެ ބައްޕަގެ ހިތްހަމަޖައްސައިދިނީ ކަމަށް އެ ޒުވާން ފިރިހެން މިހާ ބުންޏެވެ.
އާއިލާއިން އުމުރު ދުވަހު އެއްކޮށްފައި ހުރި 20 ލައްކަ ރުޕީސް ޚަރަދުކޮށްގެން މި ސާޖަރީ އެ ދެބަފައިން ހެދި އެވެ. ބައްޕައަށްޓަކައި ދަރިފުޅުގެ ފުރާނަ ނުރައްކަލަށް ވައްޓާލައިގެންނެވެ. ނަސީބަކުން ސާޖަރީ ކާމިޔާބުވި އެވެ.
"އަހަރެން ހޭ އެރީމަ ޑޮކްޓަރު ހިނިތުންވެލާފަ ބުނި. ކަލޭގެ ބައްޕަގެ ފުރާނަ ސަލާމަތްކުރުމުގައި ކަލެއަށް ކާމިޔާބު ވެއްޖެއޭ. އަހަރެންނަށް އުފަލުން ގޮސް ރޮވުނު. ފަހުން ބައްޕައާ ބައްދަލުވުމުން ދެ މީހުން އެކަކު އަނެކަކަށް ސާޖަރީ ހެދި ލަކުނު ދައްކާފައި ދެ މީހުން ހަނގުރާމައިގައި ބައިވެރިވެ ކާމިޔާބުވީ ނިޝާން ކަމުގައި ބުނިން،" އެމީހާ ކިޔައިދިނެވެ.