އެމްޑަބްލިއުއެސްސީ

ހިޔާ ފްލެޓްތަކުގެ ފެން ބިލު ބޮޑުވި މައްސަލަ ބަލަނީ

Oct 7, 2021
1

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ފެން ބިލު ބޮޑުވުމާއި ގުޅިގެން، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ބައެއް ހިޔާ ފްލެޓްތަކުގައި ފެން ބިލު ބޮޑުވެފައިވާކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މައްސަލަ ހައްލުކުރުމުގައި ފްލެޓްގެ ވެރިފަރާތާއި އަދި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެން ބިލު ބޮޑުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެޕާޓްމެންޓްތަކުންނާއި ގޭގޭގެ ފެން ވަޔަރިން، ވޭލްވްތަކުން ނުވަތަ އިސްކުރުން ފެން ލީކުވުން ހިމެނެ އެވެ.

އެ ކުންފުނިން ބުނީ އެހެންވެ ހުރިހާ ކަސްޓަމަރުން ވެސް އެފަދަ ފެން ލީކެއް އުޅޭތޯ ބެލުމަށެވެ. އެގޮތުން ވޭލްވްތަކާއި އިސްކުރުތައް ރަގަޅަށް ބާރުކޮށްލުމަށްފަހު އަމިއްލައަށް މީޓަރު އެނބުރޭތޯ ބަލައި، ފެން ލީކެއް އުޅޭތޯ ޔަގީންކުރުމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

އެމްޑަބްލިއުއެސްސީން އިތުރަށް ބުނެފައިވަނީ މީހުން އަދި ދިރިއުޅެން ނުފަށާ ފްލެޓްތަކުގައި ވެސް އެގޮތަށް ޗެކް ކުރުމަށްފަހު ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ. އެފަދަ ފެން ލީކެއް އުޅޭނަމަ އެ ކުންފުނީގެ ހޮޓްލައިން 105 މެދުވެރިކޮށް އެކުންފުންޏަށް އެންގުމަށް ވެސް ވަނީ އެދިފަ އެވެ.

ހިޔާ ފްލެޓްތަކުގައި މިހާރު 70 އަށް ވުރެ ގިނަ އާއިލާ ދިރިއުޅެމުން އަންނައިރު ބައެއް ފްލެޓްތަކުގެ ފެން ބިލު ބޮޑުވެގެން އެ ޝަކުވާ އަންނަނީ ކުރަމުންނެވެ.