ގާނޫނީ އިމުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ފާޅު ކުރާ ބިނާކުރަނިވި ހިޔާލުތަކަށް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެމްޑީޕީ އިން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ، "މިންޖުވާން" މުޒާހަރާ މިއަދު ނިންމާލިކަން އިއުލާން ކުރުމާ ގުޅިގެން ރައީސް އޮފީހުގެ ނެރުނު ބަޔާނެއްގައި ބުނީ، އެ މުޒާހަރާގެ މައިގަނޑު ޑިމާންޑަކީ ޖިނާއީ އެކި ކުށްކުށުގައި ތުހުމަތު ކުރެވި، ޝަރީއަތް ހިނގަމުން ދާ މީހުންނާއި ނޫނީ އެފަދަ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ފަރާތްތަކެއް ދޫކޮށްލުން ކަމުގައި ވާތީ އެކަމުގައި ސަރުކާރުގެ ދައުރެއް ނެތް ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެއްވެސް ކޯޓެއް ރިސެސްއަށް ނުދިޔުމަށް ސުޕްރީމް ކޯޓުން ނިންމާފައި ވާތީ، ރައީސް އޮފީހުން އެކަމަށް މަރުހަބާ ކިޔަމުން ބުނެފައި ވަނީ މިއީ އެފަދަ މައްސަލަތަކާ ގުޅުން ހުރި ފަރާތްތަކާއި އެ ފަރާތްތަކާ ގުޅުން ހުރި ފަރާތްތަކުން ޝަރުއީ ދާއިރާ އިން މި ހުޅުވާލަ ދިން ފުރުސަތުގެ ބޭނުން ހިފައިގެން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެފަދަ މައްސަލަތަކަށް ހައްލު ހޯދަން އެދޭ ކަމަށެވެ.
"... ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހައްލު ހޯއްދެވުމަކީ އެކަންކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންވާ ހައްގެއްކަމުގައި ފާހަގަކޮށް، އެ ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
ރައީސް އޮފީހުން ބުނީ ޖިނާއީ ބޮޑެތި މައްސަލަތަކާއި ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ އެެވެ. އަދި އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި އޭސީސީ އަށް ސަރުކާރުގެ ދޭން ޖެހޭ އެންމެހާ އެއްބާރުލުމެއް ގާނޫނީ އިމުގެ ތެރެއިން ދެމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ގައުމުގެ ތަރައްގީއަށް ފަށާފައިވާ ބޮޑެތި މަޝްރޫއުތައް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފަ އެވެ.
"ގާނޫނީ އިމުގެ ތެރެއިން ގައުމުގެ މަސްލަހަތު ކުރިއަށް ނެރެގެން އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ބިނާ ކުރަނިވި ފާޑުކިޔުންތަކަށް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައިވެ އެވެ.