ބޮލީވުޑް

"ކުޗް ރަންގް ޕިޔާރް ކޭ އޭސޭ ބީ 3"- އެރިކާ ޝޯ ދޫކޮށްލަނީތަ؟

ސޮނީގެ މަޝްހޫރު ސިލްސިލާ "ކުޗް ރަންގް ޕިޔާރް ކޭ އޭސޭ ބީ"ގެ ތިންވަނަ ސީޒަނެއް ފަށާފައިވާއިރު ޝޯގެ ލީޑް ރޯލު ކުޅޭ ބަތަލާ އެރިކާ ފެނާންޑިސް މި ސިލްސިލާ ދޫކޮށްލަން އުޅޭ ކަމުގެ އަޑު ގަދަވެއްޖެ އެވެ.

ކުރީ ދެ ސީޒަންގައި ވެސް ޑރ. ސޮނާކްޝީ ބޯސްގެ ރޯލު ކުޅުނު އެރިކާ ތިންވަނަ ސީޒަންގެ ވަކި ހިސާބަކުން ސިލްސިލާ ދޫކޮށްލަން ނިންމީ އޭނާ ކުޅޭ ކެރެކްޓާ އަށް އަންނަ ބަދަލުތަކާ މެދު ހިތްހަމަނުޖެހިގެން ކަމަށްވެ އެވެ.

މި ޝޯގެ ފިރިހެން ލީޑް ރޯލު ކަމަށްވާ ދޭވްގެ ބައި ކުޅެނީ ޝަހީރް ޝޭޚް އެވެ. ޝަހީރް އާއި އެރިކާގެ ކެމިސްޓްރީ ރަނގަޅު ކަމުން ގިނަ ބަޔަކު މި ޝޯ ބަލަން ޝައުގުވެރިވާއިރު މިފަހަރުގެ ސީޒަންގައި ވެސް މި ދެ އެކްޓަރުން އެމީހުންގެ ރޯލަށް ފުރިހަމައަށް ދަނީ އިންސާފު ކުރަމުންނެވެ. ނަމަވެސް މިފަހަރުގެ ސީޒަންގެ ސްޓޯރީލައިން ބެލުންތެރިންނަށް ވެސް އެހާ ކަމަކު ނުދެ އެވެ.

ތިންވަނަ ސީޒަން ފެށުނުއިރު ދޭވް އާއި ސޮނާކްޝީ ވަނީ ވަކިވެފަ އެވެ. އެމީހުންގެ ހަޔާތަށް އާ ކެރެކްޓާއެއް ވަނީ ތައާރަފް ކޮށްފަ އެވެ. އެއީ ސަންޖާނާ (ސަނާ އަމީން ޝޭޚް) އެވެ.

ސިލްސިލާއަށް ގެނައި ބަދަލުތަކާ އެކު އޭނާގެ ކެރެކްޓާއަށް ގެންނަ ބަދަލުތަކާއި ވާހަކަ ކުރިއަށްދާ ގޮތާ މެދު އެރިކާ އެއްގޮތަކަށް ވެސް ހިތްހަމަ ނުޖެހޭ ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އެރިކާ ޝޯއިން ވަކިވާ ކަން އޭނާ ވެސް އަދި ސިލްސިލާ އުފައްދާ ފަރާތުން ވެސް އަދި ޔަގީންކޮށެއް ނުދެ އެވެ.

އެރިކާ ވަކިވެއްޖެނަމަ މި ސިލްސިލާގެ ޓީއާރްޕީ ރޭޓިން އަށް ވަރަށް ނޭދެވޭ އަސަރުތައް ކުރާނެ އެވެ. ސަބަބަކީ އެރިކާއަށް ޓަކައި މި ޝޯ ބަލާ އޭނާގެ ފޭނުން ގިނަކަމުންނެވެ.