ބޮލީވުޑް

ވިކްރަމް ބަޓް ކައިވެނިކުރި ވާހަކަ ބުނީ އެއް އަހަރު ފަހުން

"ރާޒް"ގެ ފިލްމުތަކާއި އެނޫންވެސް ވަރަށް ގިނަ މޮޅު ފިލްމުތައް ޑައިރެކްޓްކުރި މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓް ސިއްރުން ކައިވެނި ކޮށްގެން އަހަރެއްހާ ދުވަހު އުޅުމަށްފަހު ކައިވެނީގެ ވާހަކަ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފި އެވެ. ވިކްރަމް ކައިވެނިކުރީ ޝްވޭތަމްބަރީ ސޯނީ ކިޔާ މީހަކާ އެވެ.

ކައިވެނީގެ ވާހަކަ ސިއްރު ކޮށްގެން މިހާ ގިނަ ދުވަހު އުޅުނީ ކީއްވެތޯ ނޫހަކުން ސުވާލު ކުރުމުން ވިކްރަމް ބުނީ އޭނާ ކައިވެނިކުރީ ލޮކްޑައުން ތެރޭގައި އާއިލާގެ އެންމެ ގާތް މީހުންގެ ހާޒިރުގައި ކަމަށެވެ.

"އެއީ ވަރަށް ޕްރައިވެޓްކޮށް ބޭއްވި ރަސްމިއްޔާތެއް. އަންހެނުންގެ ތިން ކޮއްކޮ އާއި އަހަރެންގެ އާއިލާ އެކަނި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ. އަހަރެންގެ އެކުވެރިން ވެސް ނާދޭ. އެންމެ ކުރިން އުޅުނީ ވަރަށް ބޮޑުކޮށް ކައިވެނީގެ ހަފުލާ ބާއްވަން. ނަމަވެސް ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން ލޮކްޑައުން ވެގެން އެކަން ނުވީ،" ވިކްރަމް ބުންޏެވެ.

ވިކްރަމް ބުނި ގޮތުގައި އޭނާގެ ވެސް ޝްވޭތާގެ ވެސް ކުރީގެ ކައިވެންޏަށް ދަރިން ލިބިފައި އެބަތިއްބެވެ. މިއީ ވެސް އެމީހުންގެ ކައިވެނި އެހާ ކުލަގަދަކޮށް ފާހަގަކުރަން އެމީހުން ބޭނުން ނުވި ސަބަބެކެވެ.

ވިކްރަމް އާއި ސުޝްމިތާ ސެން ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅެފައިވެ އެވެ. އަދި ފަހުން އަމީޝާ ޕަޓޭލްއާ އެކު ވެސް ވިކްރަމް ވަނީ ލޯބީގެ ގުޅުމެއް ބާއްވާފަ އެވެ.