ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްއިން ދޭ "އޭޝިއަސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ހަތަރުވަނަ ފަހަރަށް ބީއެމްއެލް އަށް ލިބިއްޖެ އެވެ.
މި އެވޯޑު ބީއެމްއެލް އަށް ލިބުނީ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއްކުންފުންޏަކަށް ވުމުންނެވެ.
މީގެ އިތުރުން މުޅި ދުނިޔެ އަށް ވެސް ދިމާވި އެންމެ ދަތި އުނދަގޫ ހާލަތުގައި ވެސް މުވައްޒަފުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ބޭންކުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރެވޭތީ އެވެ.
ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އެެވޯޑަކީ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި މުއައްސަސާ ތަކުން އަމަލުކުރަމުންދާ އެންމެ ރަނގަޅު ސިޔާސަތު ތަކަށް ރިއާޔަތްކޮށް އެކިއެކި ދާއިރާތަކަށް ބަހާލައިގެން ކޮންމެ އަހަރަކުވެސް ދެވޭ އެވޯޑެކެވެ.
ހިއުމަން ރިސޯސް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތްތަކެއް މި އެވޯޑްގެ ޖަޖިން ޕެނަލްގައި ހިމެނޭއިރު އެޗްއާރުގެ ދާއިރާ އިން ހޯދައިފައިވާ ކާމިޔާބަށް ބަލައި ކުންފުނިތަކަށް އެވޯޑް ދެވެ އެވެ.
ބޭންކުން ބުނި ގޮތުގައި އޮންލައިންކޮށް ބައިވެރިވި މި އެވޯޑް ހަފްލާގައި ބޭންކުގެ ފަރާތުން މި ޝަރަފުވެރި އެވޯޑާ ހަވާލުވެފައިވަނީ ހެޑް އޮފް ޓެލެންޓް އެންޑް ޓޯޓަލް ރިވޯޑްސް މުހައްމަދު މާއިޒް، ހެޑް އޮފް ބްރާންޗެސް އެންޑް ސާވިސް ސެންޓާސް، ހުސައިން ރަޝީދު އަދި ހެޑް އޮފް ކަސްޓަމަރު ޕޭމަންޓްސް އެންޑް ސެޓްލްމަންޓް ހުޒާތު އަލީ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ ހަތަރުވަނަ ފަހަރަށް މި އެވޯޑް ލިމުބަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ކޮވިޑް-19 ގެ ސަބަބުން ބޭންކުގެ އޮޕަރޭޝަންސް އަށް ކުރި ނޭދެވޭ އަސަރާއެކު އަޅުގަނޑުމެންގެ އެންމެ މުހިންމު އަމާޒަކަށްވީ އަޅުގަނޑުމެންގެ ސްރެޓަޖީގައި ކަނޑައަޅާފައިވާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާ އަށް ޝައުގު އުފައްދާ ވަޒީފާގައި ދެމެހެއްޓުން،" ސަހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިއުމަން ރިސޯސް ސްޓްރެޓަޖީގެ ދަށުން އެންމެ މުހިއްމު އިސްކަމެއްދެނީ ބޭންކަކީ މުވައްޒަފުން މަސައްކަތްކުރަން ޝައުގުވެރިވާ ކުންފުންޏަކަށް ހެދުމާއެކު މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމާއި އަމިއްލަ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. މި އެވޯޑް ބޭންކަށް މިފަހަރު ވެސް ހޯދައިދިނުމަށްޓަކައި ޓީމުން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކޮށް އޭނާ ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.