ވިނަރެސް ފްލެޓް

ވިނަރެސް މަޝްރޫއު ނިމޭނީ އަންނަ އަހަރު ޖުލައިގައި

Oct 7, 2021
1

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ވިނަރެސް ފްލެޓްތައް އަންނަ އަހަރުގެ ޖުލައި މަހު ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން އިއްޔެ ނޫސްވެރިން މައުލޫމާތު ދެމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ކުރިން މެއި މަހު ނިންމަން ބުނި ފްލެޓްތައް ނިންމުން ޖުލައި އަށް ފަސްވީ ކޮވިޑާ ގުޅިގެން ބައެއް ކަހަލަ ސާމާނު ލިބުން ދަތިވެގެން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ތެރެއިން 200 މީހަކު ވިނަރެސް ފްލެޓަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ފޯމް ލާފައިވަނީ އޭގެތެރެއިން 75 މީހުން ކަމަށެވެ. ފޯމް ލީމީހުންނަށް ވިނަރެސް ފޯމް ލިބޭނަމަ މެސެޖަކުން އަންގާނެ ކަމަށާއި އިވެލުއޭޝަންގައި ފެއިލް ވެއްޖެނަމަ އެ މީހަކަށް އަނބުރާ ހިޔާ ފްލެޓް ދޭނެ ކަމަށެވެ.

މީގެކުރިން ގުޅިފަޅުން ފްލެޓް ލިބުނު މީހުންގެ ތެރެއިން ފައިސާ ދައްކާފައިވާ 214 މީހަކަށް ވެސް ވިނަރެސް ފްލެޓުން ފުރުސަތު ދޭން އެޗްޑީސީން ނިންމާފައިވެ އެވެ. އޮފިޝަލް ވިދާޅުވީ ވިނަރެސް ފްލެޓް ގަންނަން ބޭނުންވާ އާންމުންނަށް ވެސް މި މަހު އެ ފުރުސަތު ހުޅުވާލުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އާންމުންނަށް "ވިނަރެސް" ފްލެޓް ގަތުމަށް ހުޅުވައިލުމުގެ ކުރިން ގުޅިފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ 214 މީހުންނަށް މި ފްލެޓަށް ބަދަލުވުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އަދި އެ މީހުންގެ ތެރެއިން "ވިނަރެސް" ފްލެޓް ގަންނަން ބޭނުންވާ މީހުން ތިބިތޯ ބެލުމަށް ފަހު އާންމުންނަށް އެތަނުން ފްލެޓް ގަތުމަށް ހުޅުވައިލާނެ އެވެ.

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޮމްޕެނީން ހަދަމުންދާ ވިނަރެސް އެޕާޓްމަންޓްތަކުގައި ތިން ކޮޓަރީގެ ތަނެއްގެ ބޮޑުމިނަކީ 902-883 އަކަފޫޓެވެ. ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި 1،344 ފްލެޓް ހުންނައިރު އެ ހުރިހާ އެޕާޓްމެންޓެއްގައި ވެސް ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ބެލްކަންޏެއް ހުންނާނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. މި ޔުނިޓްތަކުގެ އަގު އުޅެނީ 2.7 މިލިއަން ރުފިޔާއާ 2.6 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އަގަކީ 2.7 މިލިއަން ރުފިޔާއާ 2.6 މިލިއަން ރުފިޔާއާ ދެމެދެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. މި ޔުނިޓްތަކުގެ އަގު އުޅެނީ 2.6 މިލިއަން ރުފިޔާގަ އެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނޭއިރު މި ޔުނިޓްތަކުގެ އަގު އުޅެނީ 2.5 މިލިއަން ރުފިޔާގަ އެވެ.

އެޗްޑީސީ އިން ބުނީ މި މަޝްރޫއުގެ މަސައްކަތް ނިމޭއިރު ހުރިހާ އެޕާޓްމެންޓެއްގެ ލިވިން ރޫމާއި ފާހާނާތަކުގައި ހުންނާނީ ތަށިމުށި ޖަހާފައި ކަމަށެވެ. ހުރިހާ ބަދިގެއެއްގައި ކަބަޑުސެޓު ހަރުކޮށްފައި ހުންނާނެ ކަމަށާއި ލިވިން ރޫމް އަދި ހުރިހާ ކޮޓަރިއެއްގައި އޭސީ ހުންނާނެ ކަމަށް ބުނެ އެވެ. ނަމަވެސް އެޕާޓްމެންޓްތަކުގައި ފަރުނީޗަރެއް ނުހުންނާނެ އެވެ.

މި މަޝްރޫއު ނިމޭއިރު ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން ޒޯން، އަދި ސީސީޓީވީ ކެމެރާ ހުންނާނެ އެވެ. މި ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފްލޯ ކޮމާޝަލް ސްޕޭސްތަކަށް ހާއްސަ ކުރެވޭނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ. އެގޮތުން މި ކޮމާޝަލް ސްޕޭސްގައި ސުޕަ މާކެޓް، އޮފީސް ސްޕޭސް، މެދު ފަންތީގެ ފިހާރަތައް، ކެފޭ / ރެސްޓޯރެންޓް އަދި ޖިމް ހިންގާނެ ޖާގަ އަދި އިތުރު ހަރަކާތްތައް ހިންގާނެ ހުސް ޖާގަ ލިބިގެންދާނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާގަ އެވެ. އެޗްޑީސީން ބުނީ އިންސްޓޯލްމަންޓުން ފައިސާ ދައްކައިގެން 20 އަހަރު ނުވަތަ 25 އަހަރުން އަމިއްލަ ކުރާނަމަ ފްލެޓްގެ އަގު ދެގުނަ ވަރު ވާނެ ކަމަށެވެ.