ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޝާހިދުގެ ޝަރަފުގައި ރައީސް ޖާފަތެއް ދެއްވައިފި

Oct 7, 2021
1

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޝަރަފުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ޖާފަތެއް ދެއްވައިފި އެވެ.

މި ޖާފަތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ އާންމު މަޖިލީހުގެ ރިޔާސަތުގައި އިންނެވިއިރު ލިބިވަޑައިގަތް އެންމެ ބޮޑު ޝަރަފަކީ ރައީސް ސޯލިހު ދިވެހި ބަހުން ވާހަކަފުޅު ދެއްކެވި ވަގުތުކޮޅު ކަމަށެވެ. އަދި ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އަދި އެއްފަހަރު އާންމު މަޖިލީހުގައި ބައިވެރިވިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވަޑައިގެންނެވުމަށް އެމަނިކުފާނު ވަނީ ރައީސަށް ދައުވާތު ދެއްވާފަ އެވެ.

މީގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމަކަށް ވެކްސިން ފޯރުކޮށްދިނުމަށާއި ކްލައިމެޓް ޗޭންޖާ ގުޅޭ ގޮތުން އދ. ގައި ބާއްވާ ހާއްސަ ބައްދަލުވުންތަކުގައި ވެސް ރައީސް ސޯލިހު ބައިވެރިވެވަޑައިގަތުމަށް ޝާހިދު ވަނީ ދައުވަތު ދެއްވާފަ އެވެ.

ޖާފަތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އދގެ އާންމު މަޖިލީހުގެ އުއްމީދުގެ ރިޔާސަތުގައި، ބައިނަލްއަގްވާމީ މުޖުތަމައުގައި މިހާރަށް ވުރެ ވެސް، ކުލަގަދަ ގޮތެއްގައި ރާއްޖޭގެ ނަން ފެވިގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުއްވާފަ އެވެ.

ޝާހިދުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި އެމެރިކާއަށް ވަޑައިގަންނަވާނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.