ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޝާހިދުގެ ރިޔާސަތުގައި ގައުމީ މައްސަލަތަކަށް ތަސައްލީއެއް ލިބޭނެ: ރައީސް

Oct 7, 2021

އދގެ އާންމު މަޖިލީހުގެ ރައީސްގެ ގޮތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނަވާްއިރު އެމަނިކުފާނު ގެންގުޅުއްވާ އުއްމީދުގެ ފަސް ދޯދިން ރާއްޖޭގެ ގައުމީ މައްސަލަތަކާ ގުޅިފައިވާ ކަންބޮޑުވުންތަކަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އދ.ގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ ޝަރަފުގައި މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މަގާމު ދިވެއްސަކު ހުންނެވުމަކީ ކޮންމެ ދިވެއްސަކަށް ވެސް ލިބޭ ފަހުރަކާއި ޝަރަފެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮވިޑުން މިންޖުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަމާ އެހެން ގައުމުތަކުގެ ތަޖުރިބާ ރާއްޖެއަށް މުހިއްމުކަން ފާހަގަކުރެއްވި އެވެ. އަދި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި ކުރިއަރާފައިވާ ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އދ މަޖިލީހަކީ އެންމެންގެ ހައްގުތަކަށް އިހްތިރާމްކުރާ، އަދި މިހާރަށް ވުރެ އިންސާފުވެރި ހަމަހަމަ އުސޫލަކުން، ހުރިހާ ގައުމުތަކާ މެދު މުއާމަލާތުކުރެވޭ މުއައްސަސާއަކަށް ވުމަކީވެސް ރާއްޖެއިން އެދޭ ކަމެއް ކަމަށެވެ. އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ މި ހުރިހާ ކަމަކަށް ލިބުނު އުއްމީދެއްގެ ގޮތުގައި ވެސް ރައީސް ސިފަކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ އދގެ އާންމު މަޖިލީހުގެ ރިޔާސަތަށް އަބްދުﷲ ޝާހިދު އިންތިޚާބުވެ ވަޑައިގަތުމަކީ ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގަނެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއީ ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު ހަރުދަނާ ގުޅުމަކުން ގުޅިފައިވާކަމުގެ ނިޝާނެއްކަން ފާހަގަކުރެއްވި އެވެ.

އދގެ އާންމު މަޖިލީހުގެ އުއްމީދުގެ ރިޔާސަތުގައި، ބައިނަލްއަގްވާމީ މުޖުތަމައުގައި މިހާރަށް ވުރެ ވެސް، ކުލަގަދަ ގޮތެއްގައި ރާއްޖޭގެ ނަން ފެވިގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.