ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ބަންދުގައި ހުރި މީހާ މަރުވި މައްސަލަ ޕީޖީން ބަލަނީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހާ މަރުވި މައްސަލަ ބަލާނެ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވި މައްސަލާގައި ކަންވީ ގޮތް ޕީޖީ އޮފީހުން ބަލާނެ ކަމަށެވެ. އަދި އެކަމުގައި ޕީޖީ އޮފީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އިއްޔެ ރޭ 7:00 ހާއިރު ނޭވާލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވީ މ. މަލަސް، އިސްމާާއީލް ޝަބީން އެވެ. އޭނާގެ އުމުރަކީ 46 އަހަރެވެ. އޭނާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުން ދިޔަ މީހެކެވެ.

ޝަބީން އަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކި ކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހެކެވެ.