ސާފު ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ-ބަންގާޅު ބައްދަލުކުރި މެޗު ރާއްޖެއިން ކާމިޔާބުކޮށް މުބާރާތާއެކު ކުރިއަށް ދިއުމުގެ އުންމީދު އައު ކޮށްފި އެވެ. މިރޭގެ މެޗުގައި ރާއްޖެ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމުނު އިރު ދެ ޓީމަށް ވެސް ގޯލު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ. އެގޮތުން ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުން ބަންގްލަދޭޝްގެ ކީޕަރު އަނީސުއްރަހްމާން ދިފާއު ކުރި އިރު ސެންޓޭ އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލި ހަމަލާ ވެސް ދިފާއު ކުރީ އަނީސުއްރަހުމާނެވެ. އަދި ފުރަތަމަ ހާފު ނިމެނިކޮށް އަލީ އަޝްފާ (ދަގޭ) ފޮނުވާލި ހިލޭ ޖެހުން ވެސް ގޯލަށް ވަނަ ނުދީ ހިފެހެއްޓީ އަނީސުއްރަހުމާނެވެ.
ބަންގްލަދޭޝްގެ ފުރަތަމަ ހަމަލާ ރާއްޖެ ކޮޅަށް ފޮނުވާލީ ބިޕްލޮބް އަހުމަދު އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު، އޭރިއާ ބޭރުން މުހައްމަދު އިބްރާހީމް ފޮނުވާލި ބާރު ހަމަލާވެސް ގޯލާއި އަމާޒު ނުވެ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ދެވަނަ ހާފުގައި ރާއްޖެ ޓީމުން ވަނީ ގިނަ އެޓޭކު ތަކެއް އުފައްދާފަ އެވެ. ރާއްޖޭގެ ފުރަތަމަ ގޯލަކީ ހަމްޒާ މުހައްމަދު (ހަމްޕު) އޯވާހެޑެއް ޖަހައިގެން ކާމިޔާބު ކޮށްދިން ވަރަސް ރީތި ގޯލެކެވެ. މިއާއި އެކު ދިވެހި ޓީމަށް އިތުރު ހިތްވަރެއް ލިބުނެވެ. މި މެޗުގައި އެންމެ ގޯލެއް ވެސް ޖެހިއްޖެ ނަމަ ދެން ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް ކަމަށް މެޗުގެ ކުރިން ކޯޗު ސުޒޭން ވެސް ފާހަގަ ކުރި އެވެ.
ރާއްޖޭގެ ދެވަނަ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ނާއިޒް ހަސަން އަށް ބަންގްލަދޭޝްގެ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރި ގޯލެކެވެ. މި ގޯލު ރާއްޖެ ޓީމަށް ޖަހައިދިނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގެ އެވެ.
ދަގަނޑޭގެ ފަރާތުން މިރޭގެ މެޗުގައި ވަރަށް މޮޅު ކުޅުމެއް ފެނުނު އިރު، ބަންގްލަދޭޝް ކުޅުންތެރިން ވަނީ އޭނާ ހުއްޓުވުމަށް ގިނަ ފައުލް ތަކެއް ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް ދަނގަޑޭއެވެ.
ބަންގްލަދޭޝްއަށް ވެސް ދެވަނަ ހާފުގައި ގޯލު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ. އެގޮތުން އެޓީމުގެ ޖަމާލް އޭރިއާއިން ފޮނުވާލި ބޯޅަ އެޓީމުގެ ކުޅުންތެރިއެއް ގައިގައި ޖެހިފައި ބޭރަށް ދިޔައިރު، ސުމާން ރިޒާ ފޮނުވާލި ބޯޅަ ދިފާއު ކުރީ ރާއްޖޭގެ ކީޕަރު ފައިސަލް އެވެ.
މި މެޗުގައި ރާއްޖޭއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ޕާސިން ގޭމެއް ކުޅެމުން ދިޔައިރު، ބަންގްލަދޭޝް ޓީމުން މަސައްކަތް ކުރީ ބޮޑު ބޯޅަ ތަކެެއް ޖަހައިގެން އަރިމަތިން ހުރަސް ނަގައިގެން ރާއްޖޭގެ ގޯލަށް ނުރައްކާ ކުރުމަށެވެ.