އިންސާނުންގެ ހިލަމެއްވެސް ނުވާ ހިސާބުގައި ޖަންގަލީގެ އެންމެ އެތެރޭގައި އިންޑިޔާގެ ކަރްނާޓަކާ މީހަކު ދިރިއުޅޭތާ 17 އަހަރު ވެއްޖެ އެވެ. އޭނާ ޖަންގަލީގައި ދިރި އުޅެނީ ޒަމާންވީ އެމްބެސެޑަރު ބްރޭންޑް ކާރެއް ތެރޭގަ އެވެ.
ޗަންދުރަޝޭކަރް، 56، މި ދިރިއުޅުން ޚިޔާރުކުރި ގޮތް ވެސް މިއީ ވަރަށް ޝައުގުވެރި ވާހަކަ އެކެވެ. މި ވާހަކަ އޭނާގެ ކައިރިން އޮޅުން ފިލުވަން އެހިސާބަށް މީހަކަށް ދިއުމަކީ ވެސް އުނދަގޫ ކަމެކެވެ. ސަބަބަކީ ޖަންގަލީގައި އޭނާ ދިރިއުޅޭ ހިސާބަށް ދެވޭނީ ފައިމަގުގައި ގާތްގަނޑަކަށް 3-4 ކިލޯމީޓަރު ހިނގައިގެނެވެ. އޭނާ އުޅޭ ހިސާބަށް ދެވުމުން ފެންނަނީ ވަރަށް ބާ ކާރެކެވެ. އެ ކާރު މަތިން ސަތަރި ގަނޑެއް އަޅައި ގެއެއްހެން ހަދާފައި ވެއެވެ. މިއީ ޗަންދުރަޝޭކަރްގެ ގެއެވެ.
ޗަންދުރަޝޭކަރް އަކީ ވަރަށް ހިކި ނަމަވެސް ގުނަވަންތައް ވަރަށް ވަރުގަދަކޮށް ހުރި މީހެކެވެ. ބޮލުގައި އެއްބައި ތަލަވެފައި ހުރިއިރު ގައިގެ އެންމެ އިސްތައްޓެއް ވެސް މި ފާއިތުވީ 17 އަހަރު ތެރޭގައި ކޮށާފައެއް ނެތެވެ. މުންޑެއްހެން އެއް ފޮތިގަނޑު އަނދެގެން އިންއިރު އަނެއް ފޮތިގަނޑު އޮތީ ކޮނޑުމަތީގަ އެވެ. އަރައިގެން އުޅެނީ ދުވަސްވީ ރަބަރު ފައިވާނަކަށެވެ.
ނެކްރަލް ކަމްރާޖޭ ކިޔާ އަވަށެއްގައި ދިރިއުޅުނު ޗަންދުރަޝޭކަރްގެ 1.5 އޭކަރުގެ ދަނޑެއް އޮވެ އެވެ. އޭނާ ކުރިން ދިރިއުޅެމުން ދިޔައީ އެ ދަނޑުގައި ފެންފޯއް ހައްދައިގެނެވެ. އެ ދަނޑުން ލިބޭ އާމްދަނީން ވަރަށް އަމާން އޮމާން ދިރިއުޅުމެއް އޭނާ އުޅެމުން ގޮސްފައި ވެއެވެ. މިހެން އުޅެމުން ގޮސް 2003 ގައި އޭނާ އެ ހިސާބުގައި ހުންނަ ކޯޕަރޭޓް ބޭންކަކުން 40،000 ގެ ލޯނެއް ނެގި އެވެ. އޭނާ ވަރަށް މަސައްކަތް ކޮށްގެން ވެސް އެ ލޯނު އޭނާއަށް އަދާ ކުރެވޭ ގޮތެއް ނުވި އެވެ. އެހެންވެ ބެންކުން އޭނާގެ ދަނޑު ނީލަމުގައި ވިއްކާލީ އެވެ. މިއީ ޗަންދުރަޝޭކަރަށް އެއްގޮތަކަށް ވެސް ބަރުދާސްތު ކުރެވުނު ހިތްދަތި ކަމަކަށް ނުވި އެވެ.
އޭރު އޭނާ ގަނެފައިވާ އެމްބެސެޑަރު ކާރެއް އޮވެ އެވެ. ބެންކުން ދަނޑު ވިއްކާލުމުން ވީ ދެރައިން އެ ކާރުގައި އޭނާ ދިޔައީ އެޑްޓާލޭ ކިޔާ ރަށެއްގައި ހުންނަ އޭނާގެ އަންހެން ކޮއްކޮއެއްގެ ކައިރިއަށެވެ. ނަމަވެސް މާ ގިނަ ދުވަހަކު އެ ގޭގައި ވެސް އޭނާއަކަށް ނޫޅެވުނެވެ. އޭނާގެ ކޮއްކޮގެ ފިރިމީހާގެ އާއިލާގެ މީހުންނާ މައްސަލަޖެހި އެގެއިން ނުކުމެގެން ގޮސް އެކަނި ދިރިއުޅެން ޗަންދުރަޝޭކަރް ނިންމައި އޭނާގެ އެމްބެސެޑަރު ކާރުގައި އެ ގެއިން ނުކުތެވެ.
ދިޔަގޮތަށް ގޮސް އޭނާ ވަނީ ޖަންގައްޔަށެވެ. ޖަންގަލީގައި ކާރު ދުއްވަމުން ގޮސް އެންމެ އެތެރެއަށް ވަދެވުމުން ކާރު މަޑުކުރި އެވެ. މިހާރު އޭގެ ފަހުން 17 އަހަރު ވީއިރުވެސް ޗަންދުރަޝޭކަރް ދިރި އުޅެނީ ޖަންގަލީ ތެރޭގަ އެވެ. އޭނާގެ ގެއަކީ މި ކާރު ތެރެ އެވެ. އޭނާ ފެންވަރަނީ ކައިރިގައި އޮތް ކޯރަކުންނެވެ. އަދި ހިކި ފަނާއި ފަތް ބޭނުން ކޮށްގެން ބާސްކެޓް ވިޔުމަކީ އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތެވެ. ގިނަ އަދަދަކަށް ބާސްކެޓް ވިއުމަށްފަހު އޭނާ ގެންގުޅޭ މޮޓޯސައިކަލެއްގައި މި ތަކެތި ހިފައިގެން ގޮސް އެންމެ ކައިރީގައި އޮތް އަވަށަށް އަރާ ވިއްކާލައި އޭނާ ކެއިން ބުއިމާއި އެނޫންވެސް ކަންކަމަށް ބޭނުންވާ ސާމާނު ގަނެލައިގެން އަނެއްކާވެސް ޖަންގަލީގައި ކުރިން ވެސް ދިރިއުޅުނު ހިސާބަށް ދަނީ އެވެ. އޭނާގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން އޭނާގެ ބިން އޭނާއަށް އަނބުރާ ލިބުމެވެ. މިކަމާ ގުޅޭ ހުރިހާ ލިޔުންތައް ވެސް އޭނާ އަދިވެސް ރައްކާކޮށްގެން ގެންގުޅެ އެވެ.
ޗަންދުރަޝޭކަރްގެ ދުނިޔެއަކީ އޭނާގެ ކާރެވެ. އެ ކާރުގައި ވަރަށް ދުވަސްވީ ރޭޑިއޯއެއް ވެސް ހުރެ އެވެ. އެ ރޭޑިއޯއިން ކުރީގެ މުސްކުޅި ލަވަތައް ޖެހުމާއި ރޭޑިއޯ އަޑު އެހުމަކީ މިމީހާ މުނިފޫހިފިލުވަން ކުރަ ހަމައެކަނި ކަމެވެ.
އޭނާ އުޅޭ ހާލު އެނގިގެން ވިޔަފާރިވެރިއަކު އޭނާއަށް ގެއެއް އަޅައިވެސް ދީފައި ވެއެވެ. ރަބަރު ދަނޑެއްގެ މެދުގަ އެވެ. ނަމަވެސް އެތާނގައި އުޅޭކަށް ޗަންދުރަޝޭކަރް ހިތެއް ނުރުހެ އެވެ.
ޖަންގަލީގައި އުޅުމަކީ ޗަންދުރަޝޭކަރަށް ވެސް އެހާ ފަސޭހަ ކަމަކަށް ވެސް ނުވެ އެވެ. ބޮޑެތި އެއް އައިސް ބައެއް ފަހަރު އޭނާގެ ކާރަށް ހަމަލަ ދެއެވެ. ސާރިދޯޅާއި އެކި ކަހަލަ ވަލު ޖަނަވާރުތަކުގެ އުނދަގޫ ވެސް އެހާ ބޮޑެވެ. ބޮޑެތި ހަރުފަ އައިސް ބައެއް ފަހަރު އޭނާގެ ކާރު މަތީގައި އޮވެ އެވެ. ނަމަވެސް ޖަންގަލި ދޫކޮށްލާފައި ދާކަށް ޗަންދުރަޝޭކަރް ބޭނުމެއް ނޫނެވެ. އަދި ޖަންގަލީގައި އުޅޭ އެއްވެސް ޖަނަވާރަކަށް އަދި ގަހަކަށް ވެސް އޭނާ ގެއްލުމެއް ނުދެ އެވެ. އެހެންވެ ޖަންގަލި ބަލަހައްޓާ މީހުން ވެސް ކޮންމެހެން އޭނާ ޖަންގަލިން ނެރެން މަސައްކަތެއް ނުކުރެ އެވެ.
އޭނާ ޖަންގަލިން ނަގާހާ ވެސް އެއްޗަކީ ހިކިގެން ބިންމައްޗަށް ވެއްޓިފައި ހުންނަ ފަނާއި ފަތެވެ. އެއީ ބާސްކެޓް ވިޔަން އޭނާ ބޭނުންކުރާ އެއްޗިއްސެވެ.
"އަހަރެން އެންމެ އޮނެއް ވަރު ވެސް ޖަންގަލިން ނުކަނޑަން. އަހަރެން ގަބޫލުކުރާ ގޮތުގައި އެންމެ ކުޑަ ގަހެއް އަހަރެން އުފުރާލިޔަސް ޖަންގަލި ބަލަހައްޓާ ޑިޕާޓްމަންޓުގެ މީހުން އަހަންނަށް ކުރާ އިތުބާރު ގެއްލޭނެ،" ޗަންދުރަޝޭކަރް ބުންޏެވެ.
އޭނާ ދިރިއުޅޭ ހިސާބުގެ އަވަށްތައް ލޮކްޑައުންގައި އޮތްއިރު ޗަންދުރަޝޭކަރް އަށް ވަރަށް އުނދަގޫވި އެވެ. އެ ދުވަސްވަރު އޭނާ ހޭދަކުރީ ވަލުތެރޭގައި ހުރި ގަސްގަހުން މޭވާ ބިނދެގެން ކައިގެން ކޯރުން ފެން ނަގައިގެން ބޮއިގެންނެވެ.
އޭނާއަށް ކޮވިޑް ވެކްސިން ޖަހައިދިނީ ވެސް ކަމާ ބެހޭ އޮފިޝަލުން އޭނާ ކައިރީއަށް ގޮހެވެ.
ޗަންދުރަޝޭކަރްގެ އަދިވެސް އުންމީދަކީ އޭނާގެ އަތުން ގެއްލުނު ބިން އޭނާއަށް އަނބުރާ ލިބުމެވެ. އަދި އޭނާގެ އެމްބެސެޑަރު ކާރުގައި އެ ބިމަށް އަނބުރާ ދެވޭނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރެ އެވެ. އެހާ ގިނަ ދުވަސްވުމުން އެ ކާރު ދުވާނެކަމުގެ ޔަގީންކަމެއް ނެތް ނަމަވެސް އެފަދަ ދުވަހެއް ފެނިއްޖެނަމަ އެ ކާރު ވެސް ދުވާނެކަމަށް އޭނާ ގަބޫލު ކުރެ އެވެ.