ސޮނީ ޓީވީގެ މަޝްހޫރު ޑްރާމާ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2"ގައި ފާއިތުވީ ދެ ހަފުތާ އިން ފެށިގެން ދައްކަމުން ދަނީ ފިލްމުގެ ލީޑް ދެ ކެރެކްޓާ ޕްރިޔާ (ދިޝާ ޕަރްމާރް) އާއި ރާމް (ނަކުލް މެހެތާ)ގެ ކައިވެނީގެ ކަންތައްތަކެވެ. ސެޕްޓެމްބަރު މަހުއްސުރެ މި ކައިވެންޏެއްގެ ކަންތައްތައް ދައްކަމުން ގޮސް އޮކްޓޯބަރު މަހުގެ ހަފުތާއެއް ފާއިތުވީއިރުވެސް އަދިވެސް ކައިވެނި ކުރެވޭ ހިސާބަކަށް ނުދެ އެވެ. މިކަމާ މި ޝޯގެ ފޭނުން ވަނީ ރުޅިގަދަވެ ސޯޝަލް މީޑިއާގައި މިކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
އެންމެ ފަހުން ސޮނީން ދެއްކި މި ޝޯގެ އިޝްތިހާރުގައި ފެންނަނީ ރާމް ކުއްލިއަކަށް ގެއްލި ކައިވެނި މުޅިން މަޑު ޖެހޭ ތަނެވެ. މި ކަހަލަ ހާސަރުތަކެއްގައި މާ ގިނަ އެޕިސޯޑުތަކެއް ދިއުމުން ފޭނުން ސިލްސިލާ މަތިން ފޫހވާން ފަށައިފިކަމަށް ވެސް އެމީހުން ބުނެފައި ވެއެވެ.
"މާ ދެން ޑްރާމާ ބޮޑުވެއްޖެ 'ބަޅޭ އައްޗޭ ލަގްތޭ ހޭ 2' ގައި މި ކުރަން އުޅޭ ކައިވެނީގައި. އެމީހުން ކައިވެނިކުރީމަ އަންގާލާ. އޭރުން އަނެއްވެސް އެ ސިލްސިލާ ބަލަން ފަށާނީ އަހަރެން،" ކޮމެންޓުކުރި އެކަކު ބުނެފައި ވެއެވެ.
އެހެން މީހަކު ކުރި ކޮމެންޓެއްގައި ބުނީ މި ސިލްސިލާ ބިނާކޮށްފައިވަނީ ރާމް އާއި ޕްރިޔާގެ ކައިވެންޏަށްފަހު އެމީހުންގެ ހަޔާތުގައި ދިމާވާ ކަންތައްތަކަށް ކަމަށްވާތީ އެ ކައިވެނި ކުރެވޭނެކަން މާ ކުރިން ވެސް އެންމެންނަށް ވެސް ޔަގީން ވެއެވެ. އެހެންވިއްޔާ ދެން މިހާވަރަށް މިކަން ދިގު ދެންމުމުގެ ބޭނުމެއް ނެތް ކަމަށް އެމީހާގެ ކޮމެންޓުގައި ބުނެފައި ވެއެވެ.
"ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ދައްކަން ފަށާފައިވަނީ ފާއިތުވީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މިއީ ސާކްޝީ ތާންވަރް އާއި ރާމް ކަޕޫރު ލީޑް ރޯލު ކުޅުނު "ބަޅޭ އައްޗޭ ލަގްތޭ ހޭ"ގެ ސީކުއަލް އެކެވެ.