ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.
މިއަދު ހެނދުނު 7:50 ގައި މަރުވެފައިވަނީ އައްޑޫ ސިޓީގެ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެކެވެ. އެއީ އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެއީ ފުވައްމުލަކު ސިޓީން އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އައި އެ ސިޓީއަށް ނިސްބަތްވާ މީހެކެވެ. މިއީ އައްޑޫގައި މަރުވި ކޮވިޑްގެ ހަތަރުވަނަ މީހާ އެވެ.
ރާއްޖެއިން މިހާތަނަށް 233 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ.
ކޮވިޑްގައި އައްޑޫގެ މިހާރުގެ ހާލަތު
ކޮވިޑް-19 އަށް އައްޑޫ ސިޓީން 1590 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން 1346 މީހަކު ވަނީ އެ ބަލީން ފަސޭހަވެފައެވެ.
މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އެ ސިޓީން 14 މީހަކަށް ބަލި ޖެހިފައިވެއެވެ. އެއީ ހިތަދޫ އިން ހަތް މީހަކާއި ފޭދޫ އިން ހަތް މީހެކެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މިހާރުވެސް ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ބަލީން ފަސޭހަ ނުވެ ތިބީ 241 މީހެކެވެ.
އެ މީހުންގެ ތެރެއިން 99 މީހަކު ނިސްބަތް ވަނީ އެ ސިޓީގެ ފޭދޫ އަށެވެ. 91 މީހަކު ނިސްބަތް ވަނީ ހިތަދޫ އަށެވެ. 26 މީހަކު މަރަދޫއަށް ނިސްބަތްވާއިރު 23 މީހަކު ތިބީ މަރަދޫ ފޭދޫގައެވެ. މީދޫގައިވެސް ބަލި ޖެހި ފަސޭހަ ނުވެ ތިބި ދެ މީހަކު އެބަ ތިއްބެވެ.
ގަމުން ބަލި ޖެހުނު މީހުންނާއި ހުޅުދޫ އިން ބަލި ޖެހުނު އެންމެން މިހާރު ވަނީ ރަނގަޅުވެފައެވެ.
އައްޑޫ ސިޓީން މިދިޔަަ ސައުވީސް ގަޑިއިރުގެ ތެރޭގައި 220 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. މިހާތަނަށް އެ ސިޓީން 24،465 މީހެއްގެ ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވެއެވެ.
ރާއްޖޭގެ މިހާރުގެ ކޮވިޑްގެ ހާލަތު
އިއްޔެގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 13 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 54 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން ތިން މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 3،177 ސާމްޕަލް އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،319 މީހުންނެވެ. މިހާތަނަށް 83،784 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 15 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
މި ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ދަށް ވަމުން އައި ނަމަވެސް އަދިވެސް މިވަގުތުވެސް 15 ރަށެއް އޮތީ މޮނިޓަރިންގައެވެ.
އެއީ އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އާއި ފޭދޫ އާއި ހުޅުމީދޫގެ އިތުރުން ގއ. ގެމަނަފުއްޓާއި ގއ. މާމެންދޫ އާއި ތ. ދިޔަމިގިއްޔާއި ށ. މަގޫދޫ އާއި ށ. މާއުނގޫދޫ އާއި ފ. ނިލަންދޫ އާއި ނ. ވެލިދޫ އާއި އދ. އޮމަދޫ އާއި ލ. ފޮނަދޫ އާއި ދ. މާއެނބުދޫގެ އިތުރުން މ. ވޭވަށެވެ.