ސަރުކާރުން ހިދުމަތް ހޯދުމަށް ސަލާން ޖަހަން ޖެހުމުގެ ފަލްސާއަކީ މި ގައުމަށް މިވަގުތު ޖެހިފައި އޮތް އެންމެ ބޮޑު ވަބާ ކަމަށާ އެ ފަލްސަފާ އެމްއެންޕީގެ ވެރިކަމެއްގައި ފުނޑުފުނޑުކޮށްލައްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ ގޮތުން ކުރިއަށް ގެންދާ ބައްދަލްވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ދިވެހި ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރަކުން ހިދުމަތް ހޯދަން އެ ރައްޔިތުން ސަލާން ޖެހުމަކީ ލަދުވެތި ކަމެއް ކަމެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ކަންކަަން ތަރުތީބުވެ އިންތިޒާމުވެފައި އޮތީ އެ އުސޫލުގެ ތެރެއިން ކަމަށް ވިދާޅުވެ އެ ނިޒާމު އެމްއެންޕީގެ ވެރިކަމެއްގައި ފުނޑުފުނޑުކޮށްލައްވާނެ ކަމަށް ވިދާޅުވިއެވެ.
މިއަދުވެސް ޑޮކްޓަރަށް ނުދެއްކި އެތައް ހާސް ބަޔަކު ކިޔުގައި ތިބެން ޖެހުމާއި އައިޑީކާޑާއި ލައިސަންސް ކާޑު ނުލިބި އެތައް ދުވަހެއް މަޑުކުރަން ޖެހުން ފަދަ ކަންކަން ނިމުމަކަށް ގެނެސް އެ ހިދުމަތްތައް ޑިޒިޓަލައިޒް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރުން ހިދުމަތް ހޯދުމަށް ސަލާން ޖެހުމުގެ ފަލްސާއަކީ މި ގައުމަށް މިވަގުތު ޖެހިފައި އޮތް އެންމެ ބޮޑު ވަބާ. ދިވެހިން ދިވެހި ސަރުކާރުން ހިދުމަތް ހޯދަން އެކިއެކި ދަންނަ މީހުންނަށް ގުޅަން ޖެހޭ ގޮތަށް މިހާރު ރޭވިފައި އޮތް ނިޒާމު ފުނޑުފުނޑުކޮށް ދިވެހިންގެ ހައްގުގައި ދިވެހިންނަށް ހުރިހާ ގޮތަކުން ފަސޭހަވާނެ ގޮތަކަށް ސަރުކާރުގެ ހިދުމަތްދޭ ނިޒާމުތައް ޓެކްނޮލޮޖީގެ އެހީގައި ތަރުތީބު ކުރުމަކީ އަޅުގަނޑުމެންގެ ސަރުކާރަކުން އެންމެ އިސްކަން ދޭނެ އެއްކަން،" ނާޒިމް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ސިއްހީ ދާއިރާގައި ހިނގާ އިހުމާލުގެ އަމަލުތައް ހުއްޓުވާ އެއީ ރައްޔިތުންގެ އިތުބާރު އޮތް ދާއިރާއަކަށް ބަދަލު ކުރައްވާނެ ކަމަށެވެ. ސިއްހީ ހިދުމަތްތެރިންގެ މެޖޯރިޓީއަކީ ދިވެހިންނަށް ހެދުމަށް އެމްއެންޕީގެ ސަރުކާރެއްގައި ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން ހިދުމަތް ހޯދުމަށް ސަލާން ޖެހުމުގެ ފަލްސާއަކީ މި ގައުމަށް މިވަގުތު ޖެހިފައި އޮތް އެންމެ ބޮޑު ވަބާ. ދިވެހިން ދިވެހި ސަރުކާރުން ހިދުމަތް ހޯދަން އެކިއެކި ދަންނަ މީހުންނަށް ގުޅަން ޖެހޭ ގޮތަށް މިހާރު ރޭވިފައި އޮތް ނިޒާމު ފުނޑުފުނޑުކޮށް ދިވެހިންގެ ހައްގުގައި ދިވެހިންނަށް ހުރިހާ ގޮތަކުން ފަސޭހަވާނެ ގޮތަކަށް ސަރުކާރުގެ ހިދުމަތްދޭ ނިޒާމުތައް ޓެކްނޮލޮޖީގެ އެހީގައި ތަރުތީބު ކުރުމަކީ އަޅުގަނޑުމެންގެ ސަރުކާރަކުން އެންމެ އިސްކަން ދޭނެ އެއްކަންކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް | މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފައުންޑަރު
ނާޒިމް މިރޭވެސް ވިދާޅުވީ އެ ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމާއި މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހި ދައުލަތް ދެމެހެއްޓުން ކަމަށެވެ. އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ފަސް ޖެހުމެއް ނެތި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެމްއެންޕީގެ ސަރުކާރެއްގައި ގެންގުޅޭނީ ވަކި ގައުމަކަށް ބަރޯސާނުވާ ހަމަހަމަ ހާރިޖީ ސިޔާސަތެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއްވެސް ގައުމަކަށް ރާއްޖެއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"ދީނީ ގޮތުން ހަމަޖެހުން އޮންނަ އަދި މާތްވެގެންދާ އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭ ގައުމެއްްގެ ގޮތުގައި ދިވެހިރާއްޖެ ބޭއްވުމަކީ އަޅުގަނޑުމެންގެ އިސް ވާޖިބު. ދިވެހިރާއްޖޭގެ އަމިއްލަވަންތަކަން ދަމަހައްޓާ ބައިނަލްއަގްވާމީ މުޖްތަމައުގައި ފުރިހަމަ މިނިވަންކަމާ އެކުގައި ރަމުޒުކުރެވޭ އަދި ބޭރުގެ ވަކި ބާރަކަށް ނުވަތަ ވަކި ގައުމަކަށް ބޯނުބަލާ ހަމަހަމަ ސިޔާސަތެއް ގެންގުޅޭ ހުރިހާ ގައުމަކާވެސް އެކުވެރި ބާރުގަދަ ގައުމަކަށް ރާއްޖެ ހެދުމަކީ އަޅުގަނޑުމެންގެ ދަނޑުދަނޑި. ދިވެހި ފަސްގަނޑުން އެންމެ އިންޗިއެެއްވެސް ބޭރުގެ ބަޔަކަށް ދޫކުރުމަށް ފާޅުގައި އަޅުގަނޑުމެން ދެކޮޅު ހަދާނަން. އަދި އެފަދަ ކަމަކަށް ފުރުސަތު ނުދޭ ހާލު ރާއްޖޭގެ އެއްވެސް ސަރަހަދެއްގައި ބޭރު ގައުމެއްގެ ސިފައިންގެ މީހަކަށް ނުތިބެވޭ ގޮތް ހެދުމަކީވެސް އަޅުގަނޑުމެންގެ މި ޕާޓީގެ ވައުދެއް،" ކުރީން ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިރެއަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ތާބަދަށް ދެމި އޮންނާނެ ތާރީހީ ރެއެއް ކަމަށާ އެމްއެންޕީއާއެކު ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ޕާޓީ ނިޒާމަށް އޮތް އިތުބާރު ކުޑަވެފައިވާ މި ދަނޑިވަޅުގައި އެމްއެންޕީ ވުޖޫދުވެގެން އަންނަނީ "އުންމީދުގެ އަލިކަން" ގެނެސްދެމުން ކަމަށް ވިދާޅުވިއެވެ.
ދީނީ ގޮތުން ހަމަޖެހުން އޮންނަ އަދި މާތްވެގެންދާ އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭ ގައުމެއްްގެ ގޮތުގައި ދިވެހިރާއްޖެ ބޭއްވުމަކީ އަޅުގަނޑުމެންގެ އިސް ވާޖިބު. ދިވެހިރާއްޖޭގެ އަމިއްލަވަންތަކަން ދަމަހައްޓާ ބައިނަލްއަގްވާމީ މުޖްތަމައުގައި ފުރިހަމަ މިނިވަންކަމާ އެކުގައި ރަމުޒުކުރެވޭ އަދި ބޭރުގެ ވަކި ބާރަކަށް ނުވަތަ ވަކި ގައުމަކަށް ބޯނުބަލާ ހަމަހަމަ ސިޔާސަތެއް ގެންގުޅޭ ހުރިހާ ގައުމަކާވެސް އެކުވެރި ބާރުގަދަ ގައުމަކަށް ރާއްޖެ ހެދުމަކީ އަޅުގަނޑުމެންގެ ދަނޑުދަނޑި. ދިވެހި ފަސްގަނޑުން އެންމެ އިންޗިއެެއްވެސް ބޭރުގެ ބަޔަކަށް ދޫކުރުމަށް ފާޅުގައި އަޅުގަނޑުމެން ދެކޮޅު ހަދާނަން. އަދި އެފަދަ ކަމަކަށް ފުރުސަތު ނުދޭ ހާލު ރާއްޖޭގެ އެއްވެސް ސަރަހަދެއްގައި ބޭރު ގައުމެއްގެ ސިފައިންގެ މީހަކަށް ނުތިބެވޭ ގޮތް ހެދުމަކީވެސް އަޅުގަނޑުމެންގެ މި ޕާޓީގެ ވައުދެއްކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް | މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފައުންޑަރު
އެމްއެންޕީގެ ސަރުކާރެއްގައި އަމާޒު ހިފާނެ މުހިންމު ވަރަށް ގިނަ ކަންކަން ނާޒިމް މިރޭ ހާމަކުރެއްވިއެވެ. ދިވެހިންނަކީ ފުއްދުންތެރި ބަޔަކަށް ހެދުމާއި ޝަރުއީ ނިޒާމު އިސްލާހުކޮށް ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ ނިޒާމުތައް ގާއިމުކޮށް ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަހަށް ހަމަ އަގު ހޯދާ ދިނުމަށް އެކި ސަރުކާރުތަކުން ވަމުންދާ ވައުދުތައް ނިމުމަކަށް ގެންނަވާނެ ކަމަށާ ރާއްޖޭގެ ފަސް ސަަރަހައްދުގައި އާބަން ސެންޓަރުތައް ހައްދަވާ މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ. ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެންނަވާ ޖީބަށް ލުއިކޮށް ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޓޫރިޒަމުން މަންފާ އިތުރުކޮށް އެ ދާއިރާ ފުޅާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. ނާޒިމް މިރޭވެސް ވަނީ 2023 ގެ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށާ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.