ރައީސް އަބްދުﷲ ޔާމީން، ގާތްއެކުވެރިންކޮޅަކާއެކު ޕީއޭ ކިޔާ ޖަމިއްޔާއެއް ހަދައިފި އެވެ. އޭރު އަރިހުގައި އާއިލީ ގޮތުން އަޅުގަނޑާ ތިމާގެ ބޭފުޅަކު އުޅުއްވަ އެވެ. ޔާމީން އަރިހުގައި މާ ބޮޑު ނޫސްވެރިޔަކަށް އަޅުގަނޑު ހަދައިގެން އޭނާ އެއްރެއަކު އެ އޮފީހަށް އަޅުގަނޑު ގެންގޮސްފި އެވެ. ރައީސް ޔާމީނާ އަޅުގަނޑާ ބައްދަލުވި ވަގުތު އެމަނިކުފާނު އިންނެވީ ފޯނެއްގަ އެވެ. ކޮންމެވެސް ބޭފުޅަކާ ސަމާސާ ކުރައްވަނީ އެވެ. އެ ބޭފުޅަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވި އެވެ. "ތިޔަ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަހަރެން ބަލިވެ، މަރުވެ މައްޔިތަކަށްވީ ހެއްޔޭ އެވެ. އެހެން އަދި ހީ ނުކުރައްޗެވެ!" އޭގެ ފަހުން އަޅުގަނޑާ ހިސާބަކަށް ވާހަކަފުޅު ދައްކަވާލެއްވީމާ ލަހެއް ނުވެ އަޅުގަނޑު ނުކުމެގެން ދިޔައީ އެވެ.
ރައީސް ޔާމީނަކީ އަޅުގަނޑުގެ ރަހުމަތްތެރިއެކެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމާ ހަމައަށް ވާހަކަ ދައްކާ ހަދަމެވެެ. އެކަމު ހުވާ ކުރެއްވި ހިސާބުން އެސްއެމްއެސް ކުރުން ހުއްޓާލައިފީމެވެ. އެންމެ ފަހުން އަޅުގަނޑާ ބައްދަލުވީ އެމަނިކުފާނުގެ އިންޑިޔާ ދަތުރުފުޅުގަ އެވެ. އެ ދަތުރުގައި އަޅުގަނޑު ފިނިހެދުން ނުލައި ހުއްޓާ ފެނިވަޑައިގެން "މިހުރީ ގަދަފަދަ ފިންޏަށްވުރެ ވެސް މާގަދަ ބޭފުޅެކޭ" ވިދާޅުވި އެވެ. އެހެން ވިދާޅުވިއިރު ދިއްލީގެ އޭރު އޮތް އެއޮށްފަދަ ފިނީގައި އެމަނިކުފާނު ވެސް ހުންނެވީ ވަރަށް އާދައިގެ ތުނި ހެދުންކޮޅެއްގަ އެވެ. އަޅުގަނޑަށް ދެންނެވުނީ މަނިކުފާނު މާގަދަ ނޫން ހެއްޔޭ އެވެ.
***
ސިކުނޑީގެ ޓިއުމަރޭ ކިޔަނީ ބޮލުގެ ތެރޭގައި އުފެދޭ ވަކި އެންޓި ބޮޑީއަކަށެވެ. އެޒާތު ގޮލައެއް އުފެދުމަކީ ސަހަލު ކަމެއް ނޫނެވެ. އޭގެ ވޭނަކީ އިންސާނަކަށް ކެތްކުރާން ފަސޭހަ ކަމެއް ވެސް ނޫނެވެ. އެފަދަ ބޮނޑިވަރެއް ބޮލުގެ ތެރޭގައި އުފެދިއްޖެނަމަ ފުރަތަމަ ކުރާންޖެހެނީ ބޮޑު އޮޕަރޭޝަނެކެވެ. އެންޓި ބޮޑީ ނަގާށެވެ. އެއީ އިސްތަށި ބާލައި ބޮލުގެ ނާށިގަނޑު ފަޅާލައިގެން ކުރާ އޮޕަރޭޝަނެކެވެ. އޭގެ ކޮންމެ ގޮލައެއް ކެންސަރަކަށް ބަދަލެއް ވެސް ނުވެއެވެެ. އެފަދަ ކަމެއް ލައިގެންފިނަމަ ހޭހަން ފަށާނީ ބޮޑު އޮޕަރޭޝަނަށް ފަހު އެވެ. ދޭންޖެހޭ ތެރަޕީގެ ފަރުވާއާއެކު މީހާ ވަރުބަލިވެ ބޮލުން އިސްތަށިކޮޅު ގޮސް މުޅި މީހާ ބަދަލުކޮށްލަ އެވެ. މާނައަކީ ފުރަތަމަ އޮންނާނީ ޓިއުމަރު، އެންޓި ބޮޑީ ނެގުމުގެ ފެޅުމެވެ. އޭގެ ފަހުން ސިކުނޑީގެ ބައިތަކަށާއި ސެލްތަކަށް ކުރި ނުބައި އަސަރުތައް ފިލުވައިލާން ދޭ ފަރުވާ އެވެ.
މި ދެންނެވި ފަދަ އޮޕަރޭޝަނެއް ރައީސް ޔާމީން ކުރައްވައިފިތޯ އެވެ؟
މިސާލަކަށް ޓިއުމަރުގެ އަޕަރޭޝަނެއް ކުރައްވައި ސިންގަޕޫރަށް ވަޑައިގެން އެމަނިކުފާނު ފަރުވާ ހޯއްދަވަނީ އެވެ. އެ ފަރުވާ ވާނީ އާދައިގެ ފަރުވާއަކަށް ނޫނެވެ. އެފަދަ ދަތުރެއް ކުރައްވާފައި މާލެ ވަޑައިގެންނެވި ނަމަވެސް އެފަދަ ދަނޑިވަޅެއްގައި ކުރައްވަންޖެހި ވަޑައިގަންނަވާ އަރާމު ނުކުރައްވާ ފާޑުފާޑަށް ނުކުމެ ވަޑައިގެނެއް ރައީީސް ޔާމީނަކަށް ނޫޅުއްވޭނެ އެވެ.
އެކަމަކު އެންމެ ފަހުން ސިންގަޕޫރަށް ދަތުރު ކުރައްވާފައި މާލެ ވަޑައިގެންނެވި ރޭގެ އަނެއް ދުވަހުގެ ރޭ އެހެރަ ފެންނަ އަހުމަދިއްޔާއަށް ވަޑައިގެން ތާރީހުގެ ތަކުގެ ތެރޭގައި ދިގުކޮށް ވާހަކަފުޅު ދެއްކެވި އެވެ. ޖެހިގެން އައިރޭ ރާޅުގަނޑުގައި އެއަށްވުރެ މާދިގުކޮށް ވާހަކަފުޅު ދައްކަވައިފި އެވެ. މި ދެ ޖަލްސާގައި ދައްކާވާފައިހުރި ވާހަކަތަކަށް ބަލާއިރު ނަގައި އެއްލައިލާނެ ކަށިފައްޗެއް ނެތެވެ. މުޅީން ފެނުނީ މަހާއި ބިހާ ލަގޮނޑި އެވެ.
އެހެން ވާހަކައެއް ވެސް ދަންނަވަފާނަމެވެ. ވަރަށް ގިނަ ފަހަރަށް ރައީސް ޔާމީންގެ ސިންގަޕޫރު ދަތުރުފުޅުތަކުގެ ވާހަކަ ރައީސް އޮފީހުން ބުނުމުގެ ކުރިން އިއުލާން ކުރައްވަނީ ރައީސް ޔާމީން އަމިއްލަފުޅަށެވެ. ނޫސްވެރިންނާއި ސިޔާސީ ބޭފުޅުން ރަނގަޅަށް މަސްރަހު ދިރާސާ ކުރެއްވި ނަމަ މިކަން އެނގޭނެ އެވެ. އަދި ހަނދާން ނުނެތޭނެ ހިސާބެއް ދަންނަވަފާނަމެވެ. އެންމެ ފަހުން ރައީސް ޔާމީން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ގައުމީ ސްކޮޑްތަކުގެ މުސާރަދިނުން އިއުލާން ކުރި ރަސްމިއްޔާތުގައި ދަތުރުފުޅުގެ ވާހަކަ އިއުލާން ކުރެއްވީ އަމިއްލަފުޅަށެވެ.
އަދި އެހެން ވާހަކައެކެވެ. ރައީސް ޔާމީންގެ އަނބިކަބަލުންނާއި ބޭފުޅުންނަކީ އެމަނިކުފާނުގެ ޒިންމާގައި ތިއްބެވި ބޭފުޅުންނެވެ. އެއިން ބޭފުޅަކުވެސް އާލާސްކަންފުޅާ އުޅުއްވަފާނެ އެވެ. ފަރުވާ ވެސް ހޯއްދަވާނެ އެވެ. އެކަންކަމަށް ވަޑައިގަންނަވާންޖެހޭ ތަންތަނަށް ރައީސް ޔާމީން ވަޑައިގަންނަވާނެ އެވެ. ވަޑައި ނުގަންނަވަންޏާ މާ ގޯސް ނޫންތޯ އެވެ؟
***
އަޅުގަނޑުގެ ނަޒަރުގައި ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު އެންމެ ރަނގަޅެވެ. ފެންނަނީ ވެސް ގަދަ ބޭފުޅެއްގެ ގޮތު އެވެ. އެމަނިކުފާނުގެ ސިކުނޑީގައި އޮތް ޓިއުމަރަކީ އާދައިގެ ޓިއުމަރެއްހެނެއް އަޅުގަނޑަކަށް ހީއެއް ނުވެއެވެ. ގަދައޭ އަޅުގަނޑު މިދަންނަވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި 2004 ފެށިގެން އައި ލީޑަރުންގެ ތެރެއިން ކޮންމެ ލީޑަރަކުވެސް ބޮޑު ކަމެއް ކުރިމަތިވެއްޖިއްޔާ ބަލަނީ ރައީސް ޔާމީން ވިދާޅުވަނީ ކީކޭތޯ އެވެ. އަންދާޒާ ގޯހޭ ވިދާޅުވާ ރައީސް ވެސް އެ ދުވަހު ބެއްލެވީ ޔާމީން ކޮބައިތޯ އެވެ.
އެ ވާހަކަތައް ބާއްވާށެވެ. ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ދަތުރަށް އެކަނި ވިސްނާލާށެވެ. ޖާގަ ހައްދަވައި މަގު އޮމާން ކުރެއްވި ގޮތް ދިރާސާ ކުރާށެވެ. އޭރުވެސް ޓިއުމަރޭ ކިޔައެވެ. އޭރު ވެސް ހިނިފުޅުވަޑުވާ ހިނިތުންވާ ބޭފުޅެއް ނޫނޭ ކިޔައެވެ. ނިކަން ބަލައްވާށެވެ. އެމަނިކުފާނަށް އެންމެ ފާޑުވިދާޅުވި ޑރ. މުހައްމަދު ޖަމީލަށް ރަނިންމޭޓްކަން ދެއްވާކަން ޖެހިލުންވެ ވަޑައެއް ނުގަތެވެ. އެމަނިކުފާނަށް ވަށިވަށީން ދެއްވި އުމަރު ނަސީރަށް ހޯމް މިނިސްޓަރުކަން ދެއްވާކަން ޖެހުލުންވެ ވަޑައެއް ނުގަތެވެ. އެހެންވީމާ ގަދަ ނޫންތޯ އެވެ.
ރައީސް މައުމޫން އެމަނިކުފާނުގެ ކެބިނެޓް ޒުވާން ކުރެއްވި އެވެ. އޭރު ރައީސް ނަޝީދު ވިދާޅުވާ ކޮންމެ އެއްޗަކަށް ޒުވާން ކެބިނެޓްގައި ތިއްބެވި ބޭފުޅުން ކޮޅަކު ޖަނާޒާއޭ އެއޭ، މިއޭ ކިޔައި ހަޅޭއްލެވިއެވެ. އެއިން ނުކުތް ނަތީޖާ ކިޔައިދޭކަށް ނުޖެހޭނެ އެވެ. އެއާ ހިލާފަށް ރައީސް ޔާމީނަކީ ސިޔާސީ މައިދާނުގައި މުޅީން ތަފާތު ބޭފުޅެކެވެ. ފަހަތުން ގޮވާހާ މީހަކަށް ރައްދު ދެއްވާ ވައްތަރެއް ނޫނެވެ. ހަމައެކަނި މިހާތަނަށް ވިދާޅުވީވެސް "އަޅައެއް ނުލައްވަމޭ" އެވެ.
ގުޅޭ ވާހަކައެކެވެ؛ ދިވެހިން ގަބޫލު ކުރަނީ ރައީސް މައުމޫންގެ ސިޔާސީ ކުޅިބައި އަބަދުވެސް އެތުރި ގޮޅިއަށް އަރަމުން ސައި ފިލުވަމުންދާ ކަމަށެވެ. އެކަމަކު ރާއްޖެ ކޮމަންވެލްތުން ވަކިވާން ރައީސް މައުމޫން އެދި ވަޑައިގެންނެވި ދޯއެވެ. އެއަށް ހަފުތާ ނުވެ ރައީސް ޔާމީން ވެރި ކަމަށް ވަޑައިގަތް ދޯއެވެ. އެކަމަކު އެކަމާ އަޅައިވެސް ނުލެއްވިދޯ އެވެ. ކޮމަންވެލްތޭ ވެސް ވިދާޅެއް ނުވޭ ނޫން ހެއްޔެވެ! އެކަމަކު އެއް ކަމެއް ޔަގީނެވެ. ވަކިވާން ޖެހިއްޖެއްޔާ ސިކުންތަކަށް ވެސް ކޮމަންވެލްތުގައި މަޑު ނުކުރައްވާނެ ކަން ޔަގީނެވެ. މަރުހަލާތައް ފުރިހަމަވީމާ މަރުގެ އަދަބު ތަންފީޒު ކުރައްވަންވެސް ނިންމެވީ ނޫން ހެއްޔެވެ. ވަކިވާން ޖެހުނީމާ އެކުވެރި ނާޒިމާވެސް ވަކިވީ ނޫންތޯ އެވެ.
***
މިދައްކަނީ ކޮން ޓިއުމަރެއްގެ ވާހަކައެއް ހެއްޔެވެ؟ ކޮންމެވެސް ވާހަކައެއް ދައްކަނީ އެވެ. އެއީ ރައީސް ޔާމީނަކީ ބަލި ބޭފުޅެއްގެ ގޮތުގައި ދައްކައި ސިޔާސީ ގޮތުން ބަލިކޮށްލުމުގެ ބޭނުމުގައި ފުރޮއިން ޖަހައިގެން ހަދާފައިވާ ވާހަކައެކެވެ. ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގަމުން މިދަނީ މިކަމެވެ. ކޮންމެވެސް ވާހަކައެއް ދައްކައިގެން ސްޓޭބަލްކޮށް އޮންނަ ކަމެއްގެ ސްޓެބިލިޓީ ގެއްލުވާލަނީ އެވެ. ވާހަކަ ހަދައިގެން ކޯޓްތަކާއި ފަނޑިޔާރުންނާއި މުއައްސަސާތަކުގެ އަގު ވައްޓާލަނީ އެވެ. އެއްވެސް މުއައްސަސާއެއްގެ ގޮނޑިއެއްގައި އިންނަ މީހަކީ އަގެއް ހުރި މީހަކަށް ނުވާ ގޮތް ދައްކުވަނީ އެވެ. އެއީ ބަލި ބައެއްގެ ގޮތުގައި ދައްކަނީ އެވެ. އަގު ހުރި މީހަކަށް ވަނީ ސިއްހަތު ރަނގަޅު ހެޔޮ ހާލުގައި ހުންނަ މީހަކަށް ވަނީ މަގުގަތީ ގުންފާޖަހައި ދެއަތް އުކަމުން ހެއްދިވިހާ އަވަގުރާނެއް ގޮވާފައިދާ މީހާއެވެ.
ރާއްޖޭގައި ބަލިމީހުން ސިލޯނުގެ ޑޮކްޓަރަކު އެއްދުހު އަޅުގަނޑަށް ކިޔައިދިނެވެ. އެއީ ކޮޅުނބުގައި އަޅުގަނޑު ދިރިއުޅޭ ގޭގެ ކުރިމަތީ ފެންނަ ޑޮކްޓަރެކެވެ. ދެކޭތާ ދުވަސްތަކެއް ފަހުން ދެމީހުން ރަހުމަތްވެއްޖައިމެވެެ. އެއްދުވަހަކު އަޅުގަނޑު ވަރަށް ހިތްހަމަ ނުޖެހޭ ވާހަކައެއް އޭނާ ބުނެއްޕެވެ. ސިޔާސީ ވާހަކައިގެ ތެރެއިންނެވެ. އޭނާ ބުނަނީ މާލޭގެ ވަރަށް ގިނަ މީހުނަށް ވަރަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށެވެ. އެބައްޔަށް ކިޔަނީ "އެމްޑީޕީ" އޭ ވެސް ކިޔައިފި އެވެެ. އަޅެފަހެ ރުޅިއެއް ނާންނާނެ ހެއްޔެވެ؟
އަޅުގަނޑު އަށްޑިހައަށް އެރީމާ ބުނީ ހަމަޖެހޭށެ އެވެ. އެއީ އިއްތިފާގެކޭ އެވެ. އެމްޑީޕީ ބައްޔެކެވެ. އެއީ "މޭނިކް ޑިޕްރެސިވް ސައިކޯސިސް" އޭ ކިޔާ ބައްޔެކެވެ. ބައިޕޯލާއާ ތިމާގެ އެބަލި ޖެހުނީމާ ކުއްލި ކުލިއަށް ވިޔަރިއަރައިގެންފައި ވަރަށް ގިނައިރު ނިދާފާނެ އެވެ. ނިދާފައި ތެދުވެ ކުރިން ދެއްކި ވާހަކަ ބަދަލުކޮށްފާނެ އެވެ. އަނެއް ދުވަހު މާ ހަމަޖެހޭ ގޮތް ދައްކާފައި ތަންތަން ސުންނާފަތިކޮށްފާނެ އެވެ. ދުވަހަކުވެސް ދެކޮޅެއް ދިމައެއް ނުވާނެ އެވެ. މިތާނގައިވެސް އަޅުގަނޑު ދަންނަވާނީ ރައީސް ޔާމީން ގަދައޭ އެވެ. އެމްޑީޕީ ކޮންޓްރޯލްކޮށްލީ ޔާމީން ވިއްޔާ އެވެ.
***
އަޅުގަނޑު މިވާހަކަތައް ލިޔުނީމާ ރޭގައި އަލިމަސް ކާނިވާތެރެ ދުށިން ހެއްޔޭ؟ ސައިޒް ނުފެނޭ ހެެއްޔޭ ބުނާނެ އެވެ. އަޅުގަނޑު އެއަށްވެސް ޖާވާބެއް ދީފާނެމެވެ. ބުރުގާ އާއި ބޮލުފޮތި އަޅައިގެން ސިޔާސީ ޑްރާމާ ބަލަން ޖަލްސާއަށް މީހުން ދާނެ އެވެ. އެކަމަކު މުޒާހަރާއަކަށް މީހުނެއް ދެނެއް ނުދާނެ އެވެ. ކީއްވެގެން ހެެއްޔެވެ؟ ނެރެންތިބީ އެއްބައެކެވެ. ނުކުމެއްޖެއްޔާ ކޮންމެވެސް ސަބަބަކާ ލައިގެން ހައްޔަރުވެ އެވެ. ހައްޔަރުކޮށްފިއްޔާ ޔޫރީން ދޭން ޖެހޭނެ އެވެ. ޔޫރީން ދީފިއްޔާ ކޮންމެވެސް އެއްޗަކަށް ޕޮޒިޓްވާނެ އެވެ. އެ ގޮތް ވެއްޖިއްޔާ ޖަލަށް ދާންޖެހޭނެ އެވެ. ނުދީފިއްޔާ ވެސް ދާންޖެހޭނީ ޖަލު ގޮޅިއަށެވެ. އެހެންވީމާ އެތާނގައި ތެޅި ބޭލި ބަލިވާން ދިއުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ނުދާނެ އެވެ.
އެނގެ އެވެ. ދެން ވަޅި އަމާޒުވާނީ އަޅުގަނޑުގެ ޒާތަށެވެ. ކޮށްކޮށް ތިބޭށެވެ.