މޭގައި ރިއްސާތީ އިނގިރޭސި ވިލާތު ހޮސްޕިޓަލަކަށް ދިޔަ 56 އަހަރުގެ މީހެއްގެ ހިތުގައި ހަތަރު އިންޗި ބޮޑު ސިމެންތި ގަނޑެއް ފެނިއްޖެއެވެ. މި މީހާ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ދިޔައީ މޭގައި ރިއްސާތާ ދެ ދުވަސް ވީފަހުންނެވެ. މޭގައި ރިއްސުމުގެ އިތުރުން އޭނާއަށް ނޭވާލާން ވެސް ދަތިވާތާ މަހެއްހާ ދުވަސް ވެފައި ވެއެވެ.
ސާޖަރީ ހަދައިގެން އެމީހާގެ ހިތުގައި އިން މި ސިމެންތިގަނޑު ޑޮކްޓަރުން މިހާރު ވަނީ ނަގާފަ އެވެ. ވަރަށް މަގްބޫލު މެޑިކަލް ޖާނަލް އެއްގައިވާ މި ޕިއާ-ރިވިއުޑް ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މީހާގެ ހިތަށް ސިމެންތި ލީކުވެފައި ވަނީ މައިބަދައިގެ ސާޖަރީ އަކަށް ފަހުގަ އެވެ.
ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައިވާ މި ރިޕޯޓުގައި ލިޔެފައިވާ ގޮތުގައި މި މީހާއަށް އުނދަގޫތައް ވާން ފެށުމުގެ އެއް ހަފުތާ ކުރިން އޭނާ ވަނީ ކައިފޯޕްލާސްޓީ ކިޔާ ސްޕައިނަލް ސާޖަރީއެއް ހަދާފަ އެވެ. މިއީ ޚާއްސަ މެޑިކަލް ސިމެންތިއެއް ބޭނުން ކޮށްގެން މައިބަދައިގެ ކަށިތަކަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރަން ހަދާ ސާޖަރީ އެކެވެ.
މި ސާޖަރީގެ ތެރޭގައި ބަލިމީހާގެ ހަށިގަނޑަށް ކޮންމެވެސް ވަރަކަށް ސިމެންތި ލީކުވީ އެވެ. އަދި އެ ސިމެންތިތައް އެމީހާގެ ހަށިގަނޑުގައި ހަރުވެ ހިތަށް ދަތުރު ކުރުމުން މޭގައި ރިއްސަން ފެށީ އެވެ.
މެޑިކަލް ޖާނަލްގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މޭގައި ރިއްސާ ނޭވާ ލާން އުނދަގޫ ވެގެން އެމީހާ ހޮސްޕިޓަލަށް ދިއުމުން ހެދި ޓެސްޓްތަކުން އޭނާގެ ހިތުގައި އެއްޗެއް އިންކަން ޑޮކްޓަރުންނަށް އެނގުމުން ސާޖަރީ ހެދީ އެވެ. އަދި އެއީ ސިމެންތިގަނޑެއްކަން އެނގުނީ ސާޖަރީ ހަދައިގެން އެ ނެގުމުންނެވެ.
މި ރިޕޯޓު ލިޔުނު ޔޭލް ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިންގެ ދެ ޑޮކްޓަރުން ވިދާޅުވެފައި ވަނީ ސިމެންތިގަނޑު އިނީ އެމީހާގެ ހިތުގެ އަޕާ ރައިޓް ޗެމްބާ ފޫއަޅުވާލައި ވަދެފަ އެވެ. އަދި އޭނާގެ ފުއްޕާމެޔަށް ވެސް ވަދެފައި ކަމަށާއި މިއީ އާއްމުކޮށް ދިމާނުވާ ކަހަލަ ކަމެއް ކަމަށެވެ.
އޮކްޓޯބަރު ދޭއްގައި ނެރުނު މި ޖާނަލްގައި ބުނެފައިވާ ގޮތުގައި ސާޖަރީއަށް ފަހު އެމީހާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
ކައިފޯޕްލާސްޓީ އަށް ފަހު ސިމެންތި ލީކުވުމަކީ ވެދާނެ ކަމެއް ކަމަށާއި ނަމަވެސް މިމީހާއަށް މިދިމާވި މައްސަލައަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަހަލަ ކަމެއް ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ.