އެމެރިކާގެ ނިއު ޖާޒީގެ އުސް އިމާރާތެއްގެ ނުވަ ވަނަ ބުރިން ވެއްޓުނު މީހެއްގެ ފުރާނަ އާދަޔާހިލާފު ގޮތަކަށް ސަލާމަތް ވެއްޖެ އެވެ. މި މީހާ ވެއްޓި ޖެހުނީ އެ އިމާރާތުގެ ތިރީގައި ޕާކް ކޮށްފައި އޮތް ބީއެމްޑަބްލިޔުއެއްގެ މައްޗަށެވެ.
މި ހާދިސާ ހިނގީ މިހިނގާ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. މި މީހާ ވެއްޓިފައި އޮއްވާ ނަގާފައިވާ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މަންޒަރު ދުށް މީހުން ބުނީ ވައިކަފާފައި މަތިން އެއްޗެއް އައި އަޑަށް ބަލާލިއިރު އެމީހާ ވެއްޓެނީ އެވެ. އަދި އޭނާ ވެއްޓި ޖެހުނީ ކާރެއްގެ މަތީގައި ކަމަށެވެ.
ނިއު ޔޯކް ޕޯސްޓަށް މައުލޫމާތު ދެމުން އެ މަންޒަރު ވަރަށް ގާތުން ފެނުނު މީހެއް ކަމަށްވާ ކްރިސްޓީނާ ސްމިތު ބުނީ އެމީހާ ވެއްޓި ޖެހުމާއެކު ކާރު ވެސް އޮތީ ފުނޑުފުނޑުވެފަ އެވެ. އަދި ހަލާކުވެފައިވާ ކާރު ތެރޭން އެމީހާ ތެދުވެ އަތް އުފުލާލާފައި އެތާ ތިބި މީހުން ކައިރީގައި "ކިހިނެއްހޭ ވީ؟" އެހި ކަމަށެވެ.
"ބޫމް ލާފައި ވަރަށް ބާރު އަޑުފައްގަނޑެއް އަހަންނަށް އިވުނީ. އަހަރެން އޭރު ހިޔެއް ނުކުރަން އެއީ މީހަކު ވެއްޓެނީ ކަމަކަށް. އެމީހާ ވެއްޓި ޖެހުމާއެކު ކާރުގެ ފަހަތު ދޮރުވެސް ބޮމެއް ގޮވިހެން ގޮވި. ދެން އެމީހާ ކާރު ތެރޭން ފުންމައިގެން ނުކުމެ ހަޅޭއްލަވަން ފެށީ. އޭނާގެ އަތް ވެސް އޮތީ އެނބުރިފަ. ހީވީ ފިލްމެއްގެ މަންޒަރެއް ކުރިމަތިން ސިފަވިހެން،" ސްމިތު ބުންޏެވެ.
ވެއްޓުނު މީހާ ތެދުވެ ހުރެގެން އެހެން މީހުންގެ އެހީތެރިކަމަށް އެދެން ފެށުމުން 911 އަށް ގުޅީ ވެސް އޭނާ ކަމަށް ކްރިސްޓީނާ ބުންޏެވެ. އިމަޖެންސީ ޓީމުން ވަރަށް އަވަހަށް އައިސް އެމީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެމެރިކާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
އެމީހާ އަކީ އޭނާ ވެއްޓުނު އިމާރާތުގެ އެއްވެސް ތަނެއްގައި މަސައްކަތްކުރާ މީހެއް ނޫނެވެ. އެހެންވެ އޭނާ އެ ބިލްޑިންގަށް އަރައިގެން އުޅުނީ ކީއްވެކަމެއް އަދި ނޭނގެ އެވެ.