ލޭގެ ކެންސަރަށް ފަރުވާ ކުރާތާ ގިނަ ދުވަސް ތަކަކަށް ފަހު ބަތަލާ އަދި ޕޮލިޓީޝަން ކިރަން ކޭރް އެނބުރި މަސައްކަތަށް ނުކުމެއްޖެ އެވެ. ކިރަން ވަނީ އޭނާގެ ގޭގެ ލިވިން ރޫމްގައި އޮފީސް މަސައްކަތް ކުރަން އިންދާ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި އިއްޔެ ޝެއާ ކޮށްފަ އެވެ. އަދި ފޮޓޯ ކެޕްޝަންގައި އޭނާ ލިޔެފައިވަނީ އެތައް މަހެއްގެ ޗުއްޓީ އަށްފަހު މަސައްކަތަށް އެނބުރި ރުޖޫއަވީ ކަމަށެވެ.
ކިރަން އަށް ލޭގެ ކެންސަރު ޖެހިފައިވާކަން މިދިޔަ އެޕްރީލް މަހު އިއުލާން ކުރީ ކިރަންގެ ފިރިމީހާ އަދި ކުޅަދާނަ އެކްޓަރު އަނޫޕަމް ކޭރް އެވެ.
އިންޑިއާ ޕާލަމެންޓްގެ މެމްބަރުކަން ވެސް ކުރާ ކިރަން ވަނީ މަސައްކަތަށް ނުކުންނަން ފެށި ފުރަތަމަ ދުވަހު ވެސް ވީޑީއޯ ކޯލް މެދުވެރިކޮށް ދެ އޮކްސިޖަން ޕްލާންޓެއްގެ މަސައްކަތް ފަށައިދީފަ އެވެ.
ކިރަން ބުނި ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް އިއްޔެ ހަތަރު އޮކްސިޖަން ޕްލާންޓެއްގެ މަސައްކަތް ފައްޓަވައި ދެއްވި އެވެ. އަދި އިތުރު ދެ ޕްލާންޓެއްގެ މަސައްކަތް ފަށައިދިނުމުގެ ޝަރަފު އޭނާއަށް ވަނީ ލިބިފަ އެވެ.
ކިރަންގެ މި ޕޯސްޓަށް އެންމެ ފުރަތަމަ ވެސް ހިތްވަރުދީ މެސެޖުކުރީ އޭނާގެ ފިރިމީހާ އަނޫޕަމް އެވެ. އޭގެ ފަހުން ކިރަންގެ ގިނަ އަދަދެއްގެ ފޭނުން އޭނާއަށް މަރުހަބާ ކިޔައި ތަފާތު މެސެޖުތައް ލިޔެފައި ވެއެވެ. އަދި އަލުން އެނބުރި އޭނާ ފައިމައްޗަށް ތެދުވެވުނީތީ އުފާކުރާ ކަމަށް ވެސް ބައެއް ފޭނުން ލިޔެފައ ވެއެވެ.
ލޭގެ ކެންސަރުގެ ވައްތަރެއް ކަމަށްވާ މަލްޓިޕަލް މައިލޯމާ ހުރިކަން އެނގުމާ ގުޅިގެން ކިރަން މި ބައްޔަށް ފަރުވާ ހޯދަން ފެށީ މިދިޔަ އެޕްރީލް މަހު އެވެ. އޭރު ކިރަން އާއި އާއިލާއިން ބުނެފައިވަނީ އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. ނަމަވެސް ފަރުވާ އަށް ފަހު އޭނާ މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ކަރަންގެ ދަރިފުޅު ސިކަންދަރް ކޭރް ވަނީ ބުނެފަ އެވެ. ނަމަވެސް އޭނާގެ ބަލި މުޅިން ފަސޭހަވި ކަމެއް އަދި ނޫންކަމެއް ކިރަން އާއި އާއިލާއިން ބުނެފައެއް ނުވެ އެވެ.
އިއްޔެ ކިރަން ޝެއާކުރި ފޮޓޯގައި ކިރަން ފެންނަނީ ކުރިޔަށް ވުރެ މާ ބޮޑަށް ހިކިފައި ހުއްޓަ އެވެ.