ދުނިޔެ

އެމެރިކާއިން އޮސްޓްރޭލިއާއަށް 12 ހެލިކޮޕްޓަރު ވިއްކަނީ

އޮސްޓްރޭލިއާއަށް އަސްކަރީ ދަރަޖައިގެ މަލްޓި މިޝަން 12 ހެލިކޮޕްޓަރު ވިއްކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުއްދަދީފި އެވެ. އަގަކީ އެއް ބިލިއަން ޑޮލަރެވެ.

ސްޓޭޓް ޑިޕާޓްމަންޓް ބުނެފައި އޮތް ގޮތުން ހެލިކޮޕްޓަރާ އަދި އުޅަނދުތައް އުދުއްސަން ބޭނުންވާ އާލާްތަކާއެކު ވިޔަފާރި އެއް ބިލިއަން ފަހަނައަޅާނެވެ. އަދި ބުނީ އޮސްޓްރޭލިއާ އަކީ އެމެރިކާ ހިމެނޭ ދިފާއީ ނެޓްވޯކްގެ ބައިވެރިއަކަށް ވާތީ ތަފާތު އަގުތަކެއްގައި އެ ގައުމަށް އާލާތްތައް ވިއްކާ ކަމަށެވެ.

އެމެރިކާއިން މިހާރު މަސައްކަތްކުރަނީ އޮސްޓްރޭލިއާ އަސްކަރީ ގަމުކަށް ހެދުމަށެވެ. އެއީ ބުނެވޭ ގޮތުގައި ޗައިނާއާ ވާދަ ކުރުމަށެވެ. އަދި އިންޑޯ ޕެސިފިކްގައި ޗައިނާ މަތަކުރެވޭ ވަރުގެ އަސްކަރީ ބާރުވެރިކަމެއް އުފެއްދުމަކީ އެމެރިކާ ބޭނުންވާ ގޮތެވެ.

އެމެރިކާ ބުނާ ގޮތުން އޮސްޓްރޭލިއާ އޮތީ އެމެރިކާއަށް ވަރަށް މުހިިންމު ސަރަހައްދެއްގަ އެވެ. އަދި އެ ހިސާބުގައި އަސްކަރީ ބާރުވެރިކަން ގާއިމު ކުރެވުމުން އިތުރު ޕެސިފިކަށް އަމާޒުކުރަން ފަސޭހަވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އޮސްޓްރޭލިއާއާ މާ ގާތްކޮށްލައިގެން މިއުޅޭ ސަބަބަކީ އޮސްޓްރޭލިއާއަށް ބޭނުންޖެހިފައި ހުރި އަސްކަރީ ވަސީލަތްތައް އެމެރިކާ ނޫން ގައުމަކުން ހޯދަން ފުރުސަތު ނުދިނުމަށެވެ. އޮސްޓްރޭލިއާއަށް ބޭނުންޖެހިފައި ހުރި ސަބްމެރީން އުފެއްދުމަށްޓަކައި ފްރާންސަށް ދީފައި އޮތް ކޮންޓްރެކްޓް ވެސް ވަނީ އެމެރިކާ އެދިގެން ބާތިލުކޮށްފަ އެވެ.

އިނގިރޭސިވިލާތާއި އެމެރިކާ އަދި އޮސްޓްރޭލިއާ ގުޅިގެން އޯކަސްގެ ނަމުގައި އަސްކަރީ އިއްތިހާދެއް ހަދައި އަސްކަރީ ގޮތުން މިތިން ގައުމު ބާރުގަދަކުރަން ތިބީ ފޫގަޅާފަ އެވެ. އެއީ ޗައިނާއިން ސައުތު ޕެސިފިކްގައި ބާރުގަދަކޮށްފާނެ ކަމަށް ބިރުންނެވެ.