ދުނިޔެ

އޮސްޓްރޭލިއާ އަށް ބޮންއަޅާ ބޯޓުތައް ފޮނުވަން ދެކޮޅު: ޗައިނާ

ނިއުކުލިއާ ބޮން އުފުލޭވަރުގެ -- ބީ52 މަރުކާގެ ބޮންއަޅާ ބޯޓުތައް އޮސްޓްރޭލިއާ އަށް ފޮނުވައި އިމަޖެންސީ ފައުޖެއް ގާއިމުކުރުމަކީ ސަރަހައްދީ މަސްލަހަތަށް އޮތް ނުތަނަވަސް ކަމެއް ކަމަށް ޗައިނާއިން ބުނެފި އެވެ.

އެމެރިކާއިން ޓައިވާނަށް އަސްކަރީ ގޮތުން އެހީވާ މައްސަލާގައި ޗައިނާ ނުތަނަވަސްވެފައި އޮއްވައި އޮސްޓްރޭލިއާ އަށް ބޮންއަޅާ ބޯޓުތައް ފޮނުވުމަކީ ހަމަ ސީދާ ޗައިނާ އަށް އަމާޒުކޮށްގެން ހިންގާ ރުޅިއެރުވުމުގެ އަމަލެއް ގޮތަށް ޗައިނާ ދެކެ އެވެ.

މިކަމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުމާން ޖައޯ ލިޖިއަން ވިދާޅުވި ގޮތުގަައި ދެ ގައުމެގެ ދެމެދުގައި އަސްކަރީ ގޮތުން އެއްބާރުލުން އުފެއްދުމަކީ މައްސަލައެއް ނޫނެވެ.

އެހެން ނަމަވެސް ތަރުޖަމާން ވިދާޅުވީ އޮސްޓްރޭލިއާ އަށް އަސްކަރީ ހާޖަތެއް ޖެހިފައި ނެތްއިރު ބީ52 މަރުކާގެ ބޮންއަޅާ ބޯޓުތަކެއް އެ ގައުމަށް ފޮނުވައި ތައްޔާރަށް ބޭތިއްބުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މިކަމުން ދޭހަވަނީ ޗައިނާ ބުނި ގޮތުގައި ތިންވަނަ ގައުމެއް ސައިޒުކުރަން ޗައިނާ އެމެރިކާ ވިސްނާ ކަމެވެ. ތިންވަނީ ގައުމަކީ ތަރުޖަމާން ސީދާކޮށް ވިދާޅުނުވި ނަމަވެސް ޗައިނާ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި އެމެރިކާގެ އަމަލުތަކުގެ ސަބަބުން ސަރައްދުގައި ހަތިޔާރު ގެންގުޅުން ވާދަވެރި ކަމަކަށް ވެދާނެ އެވެ. އަދި އެއްބަޔަކަށް ވުރެ އަސްކަރީ ގޮތުން މޮޅުވާން ކުރާ މަސައްކަތްތަކުން ނޭދެވޭ އަަސަރު ކުރަން ފަށާފާނެ އެވެ.

ޗައިނާ އެމެރިކާގެ ކިބައިން އެދެނީ ފިނި ހަނގުރާމައިގެ ވިސްނުން ދޫކޮށްލުމަށެވެ. އަދި ތާކުންތާކު ނުޖެހޭ އަރާރުންތަކުން މަޝްރަހު ޚަރާބު ނުކުރުމަށެވެ.

ޗައިނާއިން މި މޭރުމުން ވާހަކަދެއްކި ސަބަބަކީ އޮސްޓްރޭލިއާގައި ދާއިމީ އަސްކަރީ ބާރުތަކެއް ގާއިމުކުރަން އެމެރިކާ މަސައްކަތްކުރާ ކަމަށް ބުނެ އޮސްޓްރޭލިއާގެ ނޫސްތަކުން ގެނެސްދިން ޚަބަރަކާ ގުޅިގެންނެވެ.

އެމެރިކާގެ ބޭނުމަކަށް ވެފައި އޮތީ ޗައިނާއިން ޓައިވާނަށް އަސްކަރީ ގޮތުން ހަމަލާދީފި ނަމަ ޓައިވާންގެ ހިމާޔަތުގައި ކަމަށް ބުނެ އެ މައިދާނަށް ނުކުތުމެވެ. އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ބޭނުންކުރަން ބޮންއަޅާ ބޯޓުތަކާއި ޖާސޫސީ ހަތިހާރު އަދި މިސައިލް ޑިފެންސް ސިސްޓަމްތައް ގާއިމުކުރުމަކީ ވެސް އެމެރިކާގެ ވިސްނުމެކެވެ.