އެމެރިކާގެ ނިއުކްލިއާ ސަބްމެރީނަށް އިންޑޯ ޕެސިފިކް ކަނޑުގައި މިދާކަށް ދުވަހު ދިމާވި ހާދިސާއަކީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ކަމަށް ޗައިނާގެ ޑިފެންސް މިނިސްޓްރީން އަނގާރަ ދުވަހު ބުނެފި އެވެ. އަދި ބުނީ މި އެކްސިޑެންޓާ ގުޅުހުން ހުރި މައުލޫމާތު އެމެރިކާއިން ހިއްސާ ކުރުން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.
މިއީ މި މައުލޫމާތު ފޯރުކޮށް ދޭން ޗައިނާއިން އެދުނު ދެވަނަ ފަހަރެވެ.
ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ޓާން ކެފެއީ ވިދާޅުވި ގޮތުން މިފަދަ ހާދިސާއެއް ހިނގައި ދާއިރު އެމެރިކާއިން ޒިންމާދާރުކަން ކަށަވަރު ކޮށްދޭން ޖެހެ އެވެ. އަދި މިހާދިސާގެ ހާލަތު ތަފްސީލުކޮށް ދިނުމުގެ ޒިންމާ އާއި ވާޖިބު އެމެރިކާއަށް އޮތް ކަމަށް ޗައިނާ ގަބޫލު ކުރެ އެވެ.
ތަރުޖަމާން އިތުރަށް ވިދާޅުވީ މި ހާދިސާއަކީ އިންޑޯ ޕެސިފިކްގައި ވޮޝިންޓަނުން ގެންގުޅޭ ސިޔާސަތުގެ ސީދާ ނަތީޖާ ކަމަށެވެ. އެސަރަހައްދަށް މެދުކެނޑުމެއް ނެތި އަސްކަރީ އުޅަނދުތަކާއި މަތިންދާބޯޓުތައް އެމެރިކާއިން ފޮނުވަމުން ގެންދަނީ ފިތުނަ ފަސާދަ އުފައްދަން ކަމަށެވެ. އެމެރިކާ ދެކޭ ގޮތުގައި އެހެން ބަޔަކަށް ޖެއްސުންކުރުމަކީ ވެސް މިނިވަންކަން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން މައުލޫމާތު ފޯރުކޮށްދިނުން ގަސްދުގައި ލަސްކޮށް ހާދިސާގެ ތަފްސީލުތައް ސިއްރުކުރަން މަސައްކަތްކުރާ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. ޒިންމާދާރުކަމެއް ނެތް އާދަތަކުގެ ސަބަބުން ހާލަތު ވަރަށް ފަސޭހައިން އޮޅުންބޮޅުން ވެދާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވީ އެމެރިކާގެ މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޗައިނާ ބޯޑަރަށް އެމެރިކާގެ އުޅަނދުތައް ވަދެ ފާރަލުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ސަރަހައްދުގައި އޮތް ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ތަފުސީލީ މައުލޫމާތު ފޯރުކޮށް ދިނުމަށް އެމެރިކާއަށް އިލްތިމާސްކުރާ ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން އޮކްޓޯބަރު ހަތްވަނަ ދުވަހު ބުނި ގޮތުގައި އެގައުމުގެ ނިއުކްލިއާ ސަބްމެރިނެއް ކަމަށްވާ ކަނެކްޓިކަޓް ގުއާމަށް ދަތުރުކުރަމުން ދަނިކޮށް ދެކުނު ޗައިނާ ކަނޑުގެ ބައިނަލްއަގްވާމީ ސަރަހައްދުން އެއްޗެއް ގައިގައި ޖެހި އުޅަނދަށް ގުޑުންއެރި ކަމަށެވެ.