ޑރ. އަހުމަދު އަބްދުﷲ ދީދީ

ދެ މަގާމުގައި ހުންްނެވޭނެ ކަމަށް ވިދާޅުވުމުން ކުރީގެ އުއްތަމަފަނޑިޔާރުގެ ރައްދެއް

އދ ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ހިމެނޭހެން ދެ މަގާމުގައި ހުންނެވޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި އަބްދުﷲ ޝާހިދު ވިދާޅުވި ވިދާޅުވުމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްްދުﷲ ދީދީ ފާޑުވިދާޅުވެއްޖެ އެވެ.

ޝާހިދު ވިދާޅުވީ ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން އާންމު މަޖިލީހުގެ ރަައީސްގެ މަގާމުގައި ހުންނެވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ފޮރިން މިނިސްޓަރުން އެ ގޮތަށް އަމަލު ކުރައްވާފައިވާ ކަަމަށް ވިދާޅުވިއެވެ. އަދި މިނިސްޓަރުން ގޮތުގައި ތިއްބަވައިގެން ރާއްޖޭގެ އެހެން ބޭފުޅުންވެސް އެކި މަގާމުތައް ފުރުއްވާފައިވާ ކަމަށެވެ.

ޝާހިދު ސިފަ ކުރެއްވި ގޮތުގައި ދެ މަގާމުގައި ނުހުންނެވޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާ ބޭފުޅުން އެކަން ކުރައްވަނީ ދައްކަވާނެ ވާހަކައެއް ނެތިގެންނެވެ.

"ދެން ދައްކާނެ އެހެން ވާހަކައެއް ނެތިއްޔާ ކޮންމެވެސް ވާހަކައެއް ދައްކާލަން ޖެހޭނެތާ. އަޅުގަނޑުދެން އެ ވާހަކަ ދައްކަވާ ބޭފުޅުންނަށްވެސް ހިތުގައި ބުރަކަމެއް ނެތް. އެއީ ދެން އެ ނޫން ވާހަކައެއް ނެތިއްޔޭ އިންގޭތޯ. ސިޔާސަތެއްވެސް ނެތީ. ބުނާނެ އެއްޗެއްވެސް ނެތީ. އެހެންވެ ދެން ކޮންމެވެސް ވާހަކައެއް ދައްކަނީ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. ޑީޑީ ވިދާޅުވީ ދެ މަގާމުގައި ހުރެގެން ކަންބޮޑުވުން ފާހަގަކުރާ ފަރާތްތަކުން އެކަން ކުރަނީ ސައްހަ ދުސްތޫރީ އަދި ގާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ދައްކާނެ ވާހަކައެއް ނެތިގެނެއް ނޫން ކަމަށެވެ. އދ. އާންމު މަޖިލީހުގެ ރައީސްކަން ވަރަށް ގިނަ ގައުމުގެ ތަކުގެ ފޮރިން މިނިސްޓަރުން އެ މަގާމުގައި ދެމިތިބެ ކުރައްވާފައިވާ ކަމަށް ދޭހަވާ ގޮތަށް ޝާހިދު ވިދާޅުވި ވިދާޅުވުމަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށްވެސް ވިދާޅުވިއެވެ.

"ހާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުރެ އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ހޮވިފައިވަނީ ދެެތިން ގައުމެއްގެ ހާރިޖީ ވަޒީރުން. އެ ބޭފުޅުން އެ މަގާމަށް ހޮވި ވަޑައިގަތުމުން ހާރިޖީ ވަޒީރުކަމުގެ މަގާމަށް 'އެކްޓިން' ވަޒީރުން އެ ގައުމުތަކުގެ ދުސްތޫރީ ނިޒާމުތަކާ އެއްގޮތަށް އައްޔަން ކުރެވުނުކަން އެނގެން އޮވޭ،" ޝާހިދަށް ރައްދު ދެއްވާ ޑީޑީ ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރާއްޖޭގެ އެކި މަގާމުތަކުގައި އެކި ދުވަސްވަރު ތިއްބެވި ބޭޭބޭފުޅުން ބޭރުގެ އެކި މަގާމުތައް ފުރުއްވާފައިވާކަން ފާހަގަ ކުރައްވާފައިވާ އިރު ދައުލަތުގެ މަގާމެއް ފުރުއްވާ ބޭފުޅަކު ބައިނަލް އަގުވާމީ އިދާރާ ނުވަތަ ކޮމިޓީ އެއްގެ ދާއިމީ ކޮށް ހާޒިރުވެ ހުންނަން ނުޖެހޭ ޕްރޮފެޝަނަލް މަގާމެއްގައި ހުރުމަކީ ދުސްތޫރީގޮތުން ފުށު އަރާކަމެއް ނޫން ކަމަށެވެ. ނަމަވެސް ޝާހިދުގެ މަގާމު އެފަދަ ނޫން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދަށް ދެ މަގާމުގައި ހުންނެވޭނެތޯ ގާނޫނީ ބޮޑު ބަހުސެއް ދަނީ ހިނގަމުންނެވެ. ބައެއް ގާނޫނީ ވަކީލުންނާއި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ޝާހިދަށް ދެ މަގާމުގައި ނުހުންނެވޭނެ ކަމަށް ވިދާޅުވެ އެކަމުގެ ގާނޫނީ ހުއްޖަކު ދައްކަވަމުންނެވެ.

އަވަސްއިން އިއްޔެ ގެނެސްދިން "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ޑރ. ޖަމީލް ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ 136 ވަނަ މާއްދާގައި ވަޒީރަކަށް ހުންނަވައިގެން ނުކުރެއްވޭނެ ކަންކަން ސާފުކޮށް ލިޔުނީ ވަރަށް ބޮޑު ބޭނުމެއްގައި ކަމަށެވެ. އެ އިސްލާހު ގެނައުމުގެ ކުރީން ވަޒީރުންގެ މަޖިލީހުގައި އޭރު ތިއްބެވި ބައެއް ބޭފުޅުން ދިހަ ބާރަ ވަޒީފާ އަދާ ކުރައްވަމުން ގެންދެވި ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް އުޖާރައެއް ލިބޭ ނުވަތަ އުޖޫރައެއް ނުލިބޭވެސް އެހެން މަގާމެއް ނުފުރުއްވޭނެ ކަމަށް ސާފުކޮށް ލިޔެފައިވާ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ބައެއް ކަމަށެވެ. ނަމަވެސް ޝާހިދު މިހާރު ހުންނެވި މަގާމުން އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިހާރުން މިހާރަށްވެސް އެބަޖެހޭ އޮނަރަބަލް ޝާހިދު ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ. ނޫނީ އެމަނިކުފާނު އެބަޖެހޭ އިސްތިއުފާ ދެއްވަން. އެ ނޫން އެއްވެސް ގޮތަކަށް މިކަމެއް ސައްހައެއް ނުވާނެ. ސައްހަ ކުރެވޭނެ މަގެއް ނެތީ ގާނޫނު އަސާސީގައި. މާނައަކީ އެ މަގާމުގައި ހުންނަވައިގެން މިކަން ރަނގަޅު ކުރެވޭނެ ތަރުތީބެއް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއެއް ނުއެއް ދަނޭ. އެއީ ވަރަށް ސާފު ސަރީހަކޮށް އޮތް ވާހަކައެއް،"

ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޖަވާބުދާރީވެވަޑައިގަތުމަކީ ލާޒިމު ކަމެއް ކަމަށެވެ. ނަމަވެސް އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރިއަށް އޮތް އަހަރު ދުވަހު ޝާހިދު ހުންނަވާނީ އެމެރިކާގައި ކަމުން ގާނޫނު އަސާސީގައި ސާފުކޮށް ލިޔެފައިވާ އަދި ރިޔާސީ ނިޒާމުގެ އެންމެ އަސާސީ އެއް ސިފަ ކަމަށްވާ "ވަޒީރުން، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން" މި އަސާސު ދަމަހައްޓާނީ ކިހިނެތްތޯ ސުވާލު އުފެދޭ ކަމަށެވެ.

"މިހާރު މި ދައްކަނީ ދިވެހިރާއްޖޭގައި ނުވެސް ހުރެވޭ މަގާމެއްގެ ވާހަކަ. ހުންނަންވެސް މި ޖެހެނީ އެކޮޅު [އެމެރިކާ] ގައި. އެހެންވީމަ މިއީ ރަމުޒީ ގޮތަކަށް އޮތް މަގާމެއްވެސް ނޫން. ދެން އެބައޮތް އެއަށްވުރެ މުހިންމު ސުވާލެއް އިނގޭތޯ. އެ ސުވާލަކީ އަޅުގަނޑުމެންގެ މި ރިޔާސީ ނިޒާމުގައި އޮތް ޖަވާބުދާރީ ކުރުވުން އަދި ހިންގުން. ރައްޔިތުންގެ މަޖިލީހަށް މާދަމާވެސް ޖަވާބުދާރީވާން ޖެހިދާނެ. ދެން ކިހިނެތްހޭ ހަދާނީ. ކޮބައިހޭ އެވަޒީރު،"

އަދި ވިދާޅުވީ ކޮވިޑްގެ ބަލާއާފާތާއެކު މުޅި ދުނިޔެ ހުއްޓި ދުނިޔޭގެ "ސަޕްލައިޗޭން" ބޮޑު ބަދަލެއްގައިވާއިރު ކޮންމެ ގައުމެއްގެ ފޮރިން މިނިސްޓަރުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. މިފަދަ ހާލަތެއްގައި ރާއްޖޭގެ ފޮރިިން މިނިސްޓަރު ދުނިޔޭގެ އާންމު މަޖިލީސް ހިންގަވަން އިންނެވުމުން ރައްޔިތުން ހަވާލުކުރި ޒިންމާ އަދާ ނުކުރެވޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ މި ދެނީ ޔޫއެންގައި ހިދުމަތް ކުރާކަށް ނޫން. ދުނިޔޭގެ ހުރިހާ ގައުމަކަށް ހިދުމަތް ކުރާކަށް ނޫން. އެއީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން،" ޝާހިދަށް ފާޑުވިދާޅުވެ ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ގާނޫނީ މިފަދަ ބޮޑެތި މައްސަލަތަކެއްގެ ތެރެއަށް ސަރުކާރު ވެއްޓެމުން ދަނީ ރައީސް ސޯލިހުގެ ނާގާބިލު ކަމުގެ ސަބަބުން ކަމަށެވެ. ވަކިން ހާއްސަކޮށް އެކި ކަންކަމުގައި އެމަނިކުފާނަށް ފައިސަލާ -- ޑިޒިޝަން -- ނަންގަަވަން ކެރިވަޑައިގަތުމުން ކަމަށެވެ.