ލައިފްސްޓައިލް

ޓީޗަރަގެ އަދަބުން ދަރިވަރަކު ނުކުޅެދޭ ކުއްޖަކަށް

ސްކޫލަށް ދާ ކުދިންގެ ތެރެއިން ބައެއް ކުދިންނަކީ ވަރަށް ސަކަރާތްޖަހާ އުޅޭ ކުދިންނެވެ. ކްލާސް ގަޑީގައި އެއްޗެތި ކެއުމާއި އެނޫން ވެސް އެކި ފާޑުގެ ސްނެކްސް ޓީޗަރަށް ފޮރުވައިގެން ކެއުމަކީ ވެސް ސްކޫލް ކުދިންގެ މެދުގައި ވަރަށް އާންމު ކަމެކެވެ.

ޗައިނާގެ 14 އަހަރުގެ އަންހެންކުއްޖަކު ވެސް ކުރީ މިފަދަ ވަރަށް އާދައިގެ ކުށެކެވެ. ސައުތު ވެސްޓަން ޗައިނާގެ ސީޗުއަން ޕްރޮވިންސްގެ ހައި ސްކޫލެއްގެ ޑޯމެޓްރީގައި ދިރިއުޅޭ މި ކުއްޖާ ނިދާ އެނދުމަތީގައި ސްނެކްސް ހުއްޓާ ޓީޗަރަކަށް އެ ތަކެތި ފެނުނީ އެވެ. އަދި ޓީޗަރު ރުޅިއައިސްގެން ކުއްޖާއަށް އަދަބު ދިނުމުގެ ގޮތުން 300 ފަހަރު އިށީނދެފައި ތެދުވަން އަމުރު ކުރި އެވެ.

ކުއްޖާގެ މަންމަ ބުނި ގޮތުގައި މި ކަމެއް ދިމާވީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ރޭ 10.00 ހާއިރު އެވެ. އެ މީހާ ބުނި ގޮތުގައި ދަރިފުޅު ނިދާ އެނދުމަތިން ސްނެކްސްތައް ފެނުމުން ޓީޗަރު ސުވާލު ކުރުމުން އެއީ އޭނާގެ އެއްޗެއް ނޫންކަމަށް ބުނި ކަމަށް އެ ކުއްޖާގެ މަންމަ ބުންޏެވެ. ނަމަވެސް ޓީޗަރަކު ކުއްޖާ ދެއްކި ވާހަކަ އަޑު ނާހައި ކުއްޖާއަށް 300 ފަހަރު އިށީނދެފައި ތެދުވަން އަމުރު ކޮށްފައި އަދި އެ ކުއްޖާ އެކަން ކުރޭތޯ ބަލަން އެހެން ޓީޗަރަކާ ހަވާލު ކޮށްފައި ދިޔައީ އެވެ.

މި އަންހެންކުއްޖާއަކީ އޭޕްރީލް 2020 ގައި ފަޔަށް ވަރަށް ބޮޑު އަނިޔާއެއް ލިބިފައި ހުރި ކުއްޖެއްކަމަށް އޭނާގެ މަންމަ ބުންޏެވެ. އެކަން އެނގިހުރެ ކުއްޖާއަށް މި އަދަބު ދިނުން ހުއްޓުވަން އެއްވެސް މީހަކު މަސައްކަތް ނުކުރި ކަމަށް ވެސް އެ ކުއްޖާގެ މަންމަ ބުންޏެވެ.

އޭނާގެ ހާލު ވަރަށް ބޮޑަށް ގޯސްވެ ބެލެނިވެރިންނަށް ގުޅައިގެން ގެންދިޔަ އެވެ. އަދި އެ މީހުން ކުއްޖާ ގޮވައިގެން ވަރަށް ގިނަ ހޮސްޕިޓަލްތަކަށް ދިޔަ އެވެ. ނަމަވެސް ކުއްޖާގެ ފަޔަށް އަނިޔާވެފައިވާލެއް ބޮޑުކަމުން މުޅި އުމުރަށް ކުއްޖާ ނުކުޅެދޭ ކުއްޖަކަށްވީ އެވެ. އަދި ކުއްޖާއަށް ދެން ދުވަހަކުވެސް ނުހިނގޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށާއި މިހާރު ކުއްޖާ ހިނގަނީ ދަނޑިގަނޑު ޖަހައިގެން ކަމަށް ވެސް އެ ކުއްޖާގެ މަންމަ ބުންޏެވެ.